ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 14:52
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ގޫގުލް
ކޮވިޑް-19 އިން ފަތުރުވެރިކަމަށް ކުރި އަސަރު
ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ އަސަރުކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް
ފަތުރުވެރިކަމަށް ފެބްރުއަރީ މަހު އަސަރުކުރަން ފެށި
އެހެން ސިނާއަތްތަކަށް އަސަރު ކުރަންފެށީ ރާއްޖެ ލޮކްޑައުން ކުރުމުން
ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑް-19 އިން އަރައިނުގަނެވިއްޖެ ނަމަ ވަޒީފާ ގެއްލުނު މީހުންގެ ނިސްބަތް އިތުރުވާނެ

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ އަސަރު ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ރެޕިޑް ލައިވްލިހޫޑް އެސެސްމެންޓް ރިޕޯޓުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާއެކު ކުރިމަތިވި އިގްތިސާދީ ލޮޅުން އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ ސިނާއަތަށް އެރީ ފެބްރުއަރީ މަހުއެވެ. އެގޮތުން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއިއެކު ގައުމުގެ ބޯޑަރުތައް މުޅިންހެން ބަންދުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނު ކަމަށް ރިޕޯޓުގައިވެއެވެ.

ފަތުރުވެރިކަމުގެ މުޅި ސިނާއަތުގެ ތަފާސް ހިސާބު ލިބެން ނެތް ކަމަށާއި އެހެންނަމަވެސް، ލިބެން ހުރި މައުލޫމާތުތަކަށް އެކަނި ބަލާލި ނަމަވެސް ހަމައެކަނި ރިސޯޓުތަކުގައި ވެސް 45،000 މުވައްޒަފުން ވަޒީފާ އަދާ ކުރާ ކަމަށް ދައްކާ ކަމަށާއި އޭގެ ތެރެއިން 22،000 މުވައްޒަފުންނަކީ ދިވެހިން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު ޕޯޓަލް އަށް ހުށައެޅިފައިވާ 7،500ށްވުރެ ގިނަ ޝަކުވާއިން އެއްކުރެވުނު މައުލޫމާތުން، ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ވަޒީފާތަކަށް ވަގުތުން ވަގުތަށް އަދި ފުޅާ ދާއިރާއެއްގައި ކުރި އަސަރު ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށް ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައިވާ ގޮތުން ޖޮބް ސެންޓަރަށް ހުށައަޅާފައިވާ ޝަކުވާތަކުގެ 54 އިންސައްތަ އަކީ ސީދާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތަކެވެ. އަދި 14 އިންސައްތަ މައްސަލަތަކަކީ ފަތުރުވެރިކަމާއި ގުޅުން ހުރި ދަތުރުފަތުރުކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 31 އިންސައްތަ މީހުން ރިޑަންޑެންސީ ނުވަތަ އާމްދަނީ ހުއްޓުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި 30 އިންސައްތަ މީހުން މުސާރަ ނުލިބޭ ކަމަށް ރިޕޯޓްގައިވެއެވެ. އަދި 39 އިންސައްތަ މީހުންގެ މުސާރަ ވަނީ ކުޑަކޮށްފައެވެ.

އޭޕްރިލް މަހުން ޖޫން މަހަށް ރިސޯޓްތައް ބަންދުކުރުމާއި އެކު، ޕޭރޯލްގައި ތިބި މުވައްޒަފުންގެ ތެރެއިން 96 އިންސައްތަ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށްފަހު ވަޒީފާގައި ބަހައްޓާފައިވާ ކަމަށާއި ހަތަރު އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ އިރު، ސަރވޭގައި ބައިވެރިވި ރިސޯޓްތަކުގެ ތެރެއިން 68 އިންސައްތަ ރިސޯޓްތަކުން މުވައްޒަފުންގެ އަހަރީ ޗުއްޓީތައް ވަނީ ކުޑަކޮށްފައެވެ.

ފުރަތަމަ ތިން މަހުގެ ތެރޭގައި ރިސޯޓް މުވައްޒަފުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލުނަ ނުދީ ހިފޭއްޓުނު ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އިން އަވަހަށް އަރައިނުގަނެވެއްޖެ ނަމަ ވަޒީފާ ގެއްލުނު މީހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމެއް ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޖޮބްސެންޓަރުގެ މައުލޫމާތުތައް ދައްކާ ގޮތުން ވަޒީފާއަށް އަސަރު ކުރި ގިނަ މީހުންނަކީ ހިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ، ދަށް ހުނަރުތައް ހިމެނޭ ބަޔަށް ނިސްބަތްވާ މީހުން ނުވަތަ އަމިއްލަ މަސައްކަތް ކުރާ މީހުން ކަމަށް ރިޕޯޓްގައިވެއެވެ. މިއީ އާންމު ގޮތެއްގައި ފަތުރުވެރިކަން، ދަތުރުފަތުރު އަދި ވިޔަފާރިތަކުގައި ކުރާ މަސައްކަތް ކުރާ މީހުންނެވެ.

ޖޮބްސެންޓަރަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބިދޭސީންގެ މައްސަލަތައް ނުހެމެނޭތީ ބިދޭސީން ގިނަ އަދަދަކަށް މަސައްކަތް ކުރާ ސިނާއާތްތައް ރަނގަޅަށް ތަމްސީލުވެފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސަރުކާރު މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށް އަދި 5،000 ރުފިޔާ އަށްވުރެން ދަށް މުސާރައެއް ލިބޭ މުވައްޒަފުން ތިބުމަކީ ނާދިރު ކަމަކަށްވާތީ ސަރުކާރު ވަޒީފާތަކަށް ކޮށްފައިވާ އަސަރަށް ވުރެ ޖޮބް ސެންޓަރުން ލިބެން ހުރި މައުލޫމާތަކީ އަމިއްލަ ވިޔަފާރިތަކުގެ ވަޒީފާތަކުގައި ރަސްމީކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާގެ ހާލަތުކަން ރިޕޯޓުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެހެން ސިނާއަތްތަކަށް ހުއްޓުން އައިސްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްވުރެ އަސަރުކުރުމަށްފަހު، މާލެ އިން ކޮވިޑް-19ގެ ކޭސްއެއް ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމާއެކު ގައުމު ލޮކްޑައުން ކުރުމުން ކަމަށް ފާހަގަކޮށްފައެވެ.

- ކޮމެންޓް