އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ދެވަނަ މަރުހަލާގެ ޓެސްޓުތައް އިންޑިއާގައި ފަށައިފިއެވެ.
އިންޑިއާގެ ޕޫނޭ ވިދްޔާޕީތް މެޑިކަލް ކޮލެޖްގެ ހަ ވޮލެންޓިޔަރުންނަށް މި ވެކްސިންގެ ފުރަތަމަ ޑޯޒްތައް ވަނީ ދީފައެވެ. މީގެ އިތުރުން މުމްބާއީގައި ހުންނަ ކެމް ހޮސްޕިޓަލާއި ޗަންދީގަރްގައި ހުންނަ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއެކޭޝަން އެންޑް ރިސާޗްގައި ވެކްސިންގެ ދެވަނަ މަރުހަލާގެ ޓެސްޓުތައް ހެދުމަށް ވަނީ ނިންމާފައެވެ.
އިންޑިއާގައި ވެކްސިންގެ ތިންވަނަ މަރުހަލާގެ ޓެސްޓުތައް އެކި ހޮސްޕިޓަލުތަކުގައި ކުރުމަށް ހަމަޖެހިފައިވާއިރު އެތައް ހާސް ވޮލެންޓިޔަރުންނަށް މި ވެކްސިން ދެވޭނެއެވެ. އެގޮތުން ވެކްސިން ދިނުމުގެ ދެވަނަ އަދި ތިން ވަނަ މަރުހަލާގައި އިންޑިއާގެ ޖުމްލަ 1600 ވޮލެންޓިޔަރުންނަށް މި ވެކްސިން ދިނުމަށް ނިންމާފައިވެއެވެ.
އިންޑިއާގައި މި ވެކްސިންގެ ދެވަނަ މަރުހަލާ ފަށާފައިވާއިރު އެހެން ބައެއް ޤައުމުތަކުގައި މި ވެކްސިންގެ ތިން ވަނަ މަރުހަލާ ފަށާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
އޮކްސްފޯޑުގެ ޓީމުން ކުރިން އަންދާޒާކޮށްފައިވަނީ އިންސާނުންނަށް ވެކްސިންގެ އަޖުމަ ބެލުމުގެ މަރުޙަލާ ކާމިޔާބު ވެއްޖެނަމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށެވެ. ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ އޮކްސްފޯޑު ޔުނިވަސިޓީގެ ޕްރޮޖެކްޓަކީ އެ ޔުނިވަރސިޓީގެ ޖެނަރސް އިންސްޓިޓިއުޓާއި، އޮލްސްފޯޑް ވެކްސިން ގްރޫޕް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
އޮކްސްފޯޑުގެ ސައިންސްވެރިން މި ވެކްސިން އުފައްދާފައިވަނީ ރާމާމަކުނު ޢާއިލާގެ ވައްތަރެއް ކަމުގައިވާ ޗިމްޕަންޒީގެ ހަށިގަނޑުން ފެންނަ އިންސާނުންނަށް ގެއްލުމެއް ނުލިބޭ ވައިރަސް އަކަށް ކޮރޯނާވައިރަސް ގެ ބައެއް ލައިގެންނެވެ. މިގޮތަށް މޮޑިފައިކޮށްފައިވާ ވައިރަސް ތަކުން މީގެކުރިންވެސް ވަނީ އިންސާނީ ދިފާޢީ ނިޒާމުގެ ބާރު ވައިރަހާ ދެކޮޅަށް ވަރުގަދަ ކުރުމަށް ބޭނުންކޮށްފައެވެ.