ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ 26 އޮގަސްޓް 2020 އިން ފެށިގެން 'ވިސާ ޑައިރެކްޓް'، 'މާސްޓަރ ކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް (P2P) އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ބީއެމްއެލް އިން ބުންޏެވެ.
ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.
މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ އެގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުން ކަމަށެވެ.