ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 08:04
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ރާއްޖެއެމްވީ
ކޮވިޑް-19 ރިކަވަރީ ލޯން
ބީއެމްއެލް އިން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި
ބީއެމްއެލް އިން ވަނީ 502.7 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފަ
ބީއެމްއެލް އިން ހަތް މިލިއަން ޑޮލަރުވެސް ވަނީ ދޫކޮށްފަ
މިހާތަނަށް ލޯން ދޫކޮށްފައި ވަނީ 346 ފަރާތަކަށް

ކޮވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ދޫކުރަމުން އަންނަ ރިކަވަރީ ލޯން ސްކީމްގެ ދަށުން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ 346 ފަރާތަކަށް 502.7 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ. އަދި ހަތް މިލިއަން ޔޫއެސް ޑޮލަރު ވެސް ބީއެމްއެލް އިން ވަނީ ދޫކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ރިސޯޓްތަކާއި 2019 ވަނަ އަހަރު ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކުންފުނިތަކަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 554 ފަރާތަކުން އެދިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ލޯނަށް އެދި ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން 397 ފޯމް އެޕްރޫވް ކޮށްފައިވާ އިރު، 17 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ. އަދި 13 ފޯމެއް މިވަގުތު ޕްރޮސެސިންގެ މަރުހަލާގައި އުޅޭއިރު، ރަނގަޅަށް ފުރިހަމަ ނުވާ 127 ފޯމެއްވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ މި ލޯނަކީ ރަހުނަކާއި ނުލައި ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކައި ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާއިރު، މި ހަ މަސް ދުވަހަށް އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ނުހިނގާނެއެވެ.

ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުން ކަމަށާއި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް އެދިފައެވެ.

- ކޮމެންޓް