ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 15:37
ޕެރެގުއޭގެ ކޯޓުގައި ރޮނާލްޑީނިއޯ: އޭނާ ހައްޔަރުކުރީ މާޗު މަހުގެ ހަތަރުވަނަ ދުވަހު
ޕެރެގުއޭގެ ކޯޓުގައި ރޮނާލްޑީނިއޯ: އޭނާ ހައްޔަރުކުރީ މާޗު މަހުގެ ހަތަރުވަނަ ދުވަހު
އޭއެފްޕީ
ރޮނާލްޑީނިއޯ މިނިވަންވުން
ފަސް މަސް ފަހުން ރޮނާލްޑީނިއޯ މިނިވަން ވެއްޖެ
ޕެރެގުއޭއިން ރޮނާލްޑީނިއޯ ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއެކު އެގައުމަށް އެތެރެވާން އުޅުމުން
ރޮނާލްޑީނިއޯ މިނިވަންވި ނަމަވެސް، މައްސަލަ އެއްކޮށް ނިންމާލާފައެއް ނުވޭ

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް މިނިވަން ވެއްޖެއެވެ.

މާޗު މަހުގެ ހަތަރުވަނަ ދުވަހު ޕެރެގުއޭ އިން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. ޖަލުގައި ރޮނާލްޑީނިއޯ 32 ދުވަސް ހޭދަކުރިއިރު، ކަފާލާތުގެ ދަށުން ދެބެން ޖަލު ބަންދުން ވަނީ ދޫކޮށްލާފައެވެ. އަދި މައްސަލަ ނިމެންދެން ތިބެން ޖެހުނީ ގޭ ބަންދުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ގޭ ބަންދުކޮށްފައި ބޭތިއްބީ ޕެރެގުއޭގެ ހޮޓަލެއްގައެވެ.

ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލަން ކޯޓުން ނިންމީ ޖޫރިމަނާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދިނުމަށް އެފަހަރު ރޮނާލްޑީނިއޯ ހުށަހެޅުމުންނެވެ.

މި މައްސަލައިގައި ރޮނާލްޑީނިއޯ މިނިވަންވި ނަމަވެސް، މައްސަލަ އެއްކޮށް ނިންމާލާފައެއް ނުވެއެވެ. އަދި މައްސަލަ ކޯޓުގައި އަދިވެސް ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮނާލްޑީނިއޯގެ މައްސަލަ ބބަލަމުން އަންނަ ފަނޑިޔާރު ގުސްޓާވޯ އަމަރިއްޔާ ވިދާޅުވީ ރޮނާލްޑީނިއޯ ބޭނުން ގައުމަކަށް ދަތުރުކުރެވިދާނެ ކަމަށާއި، އެކަމަކު އެއް އަހަރު ދުވަހުގެ ތެރޭގައި ދާއިމީ އެޑްރެސް ބަދަލުކުރާނަމަ ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖޫރިމަނާއެއްގެ ގޮތުގައި ރޮނާލްޑީނިއޯ 90،000 (ނުދަދިހަ ހާސް) ޑޮލަރު ދައްކަން ޖެހެއެވެ. އަދި އޭނާގެ ވިޔަފާރި މެނޭޖަރެއްގެ ރޯލް އަދާކުރާ ބޭބެ 110،00 (އެއް ލައްކަ ދިހަ ހާސް) ޑޮލަރު ދައްކަން ޖެހެއެވެ.

މީގެ ކުރިން މި މައްސަލައިގައި ރޮނާލްޑީނިއޯ ބުނީ ބުނީ ޕެރެގުއޭއިން ހައްޔަރުކުރުމުން ހައިރާންވި ކަމަށެވެ. އަދި އޭނާއަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް ޕާސްޕޯޓެއްކަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލާފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީއެވެ.

ޖަލުގައި ހުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ ޕެރެގުއޭ ޖަލުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ބައިވެރިވެ އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އެ މެޗުން އޭނާގެ ޓީމު 2-11 ގެ ނަތީޖާއަކުން މޮޅުވިއިރު، ރޮނާލްޑީނިއޯ ވަނީ އެމެޗުގައި ކުޅެން އަރާ 5 ލަނޑު އެޓީމަށް ކާމިޔާބުކޮށް 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް