މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އިން އެހެން އިދާރާތަކާއި ގުޅިގެން ފަށަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީ އިން މާލިއްޔަތު ގަވާއިދު އިތުރަށް ފުރިހަމަ ކުރުމަށް އެޓަރނީ ޖެނެރަލް، އޮޑިޓަރ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޒް އިބްރާހިމް ރިއްފަތު އާއި ބައްދަލު ކުރައްވާފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އޭގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު އަނޫލާ އާއި ވެސް މިނިސްޓަރު އަމީރު ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީ އިން ވަނީ އެ މަޝްވަރާތަކުގެ ތެރެއިން ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ފާހަގަކޮށްފައެވެ.
މިފަހަރު މާލިއްޔަތު ގަވާއިދު މުރާޖާކުރެވޭ އިރު، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުތަކުގައި ފާހަގަކުރެވޭ ނުކުތާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި އެންމެ ފައިދާ ބޮޑުވާނެ ކަމަށް އެޓަރނީ ޖެނެރަލް އަށް ފާހަގަކުރެވޭ ކަންތައްތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދަށް މި އަހަރުގެ ޖުލައި ހަތަރު ވަނަ ދުވަހު ތިން ވަނަ އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިރު، އެ އިސްލާހުތަކުގައި މާލިއްޔަތު ގަވައިދަށް އަމަލު ކުރާ ދައުލަތުގެ އިދާރާތަކަށް ފާހަގަކުރެވިފައިވާ ކަންތައްތަކާއި 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ އިން ކުރިއަށްގެންދިޔަ "ބީލަންވެރިންގެ މަހާސިންތާ" ގައި ބީލަންވެރިން ފާހަގަ ކުރި މުހިންމު ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.