ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 10:04
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހުގެ ޖަލްސާގައި
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހުގެ ޖަލްސާގައި
މަޖިލިސް
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު
ޓީޓީން ބޮޑުކޮށް ފީ ނެގި ނަމަވެސް، އިންތިޚާބު ބޭއްވުމަށް އެއްވެސް މައްސަލައެއް ނެތް: މަޙްލޫފް
ޓީޓީ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި އަދި ގެޒެޓްކޮށްފައިވާ އިންތިޚާބާ ބެހޭ އިއުލާންގައި މައްސަލައެއް ނެތް
ވަޒީރު ވިދާޅުވީ މި މައްސަލަތައް ހުށަހަޅާފައި ވަނީ ޓީޓީގެ ހިންގާ ކޮމިޓީގައި ހިމެނޭ ތިން މެންބަރުން ކަމަށް
200 ރުފިޔާ ނެގުމަށް ނިންމާފައި ވަނީ 2016 ވަނަ އަހަރުގެ ހިންގާ ކޮމިޓީން

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާ ގުޅޭ ގޮތުން ސްޕޯޓްސް ކޮމިޝަނާއި ސްޕޯޓްސް ކައުންސިލަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އަސާސީ ގަވާއިދުގައިވެސް އަދި ގެޒެޓްކޮށްފައިވާ އިންތިޚާބާ ބެހޭ އިއުލާންގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޝަކުވާ ހުށަހެޅި ފަރާތްތަކަށް މިހާރު ސްޕޯޓްސް ކޮމިޝަނުން އަންގާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތުގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ހަސަން ޒަރީރު ކުރެއްވި ސުވާލުތަކަކީ ވޭތުވެދިޔަ ތިން އަހަރު ފުރިހަމަ މެންބަރެއްގެ އަތުން ނެގުމަށް އަސާސީ ގަވާއިދުގައި ބުނާ 100 ރުފިޔާގެ ބަދަލުގައި ކޮންމެ މެންބަރެއްގެ އަތުން މިހާރު ނަގަމުން ދަނީ 200 ރުފިޔާ ކަމަށާއި، ހިންގާ ގަވާއިދާ ޚިލާފަށް މެންބަރުންގެ އަތުން ފައިސާ ނަގަމުންދާކަން ވަޒީރަށް އެނގިލައްވާތޯ އާއި، އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރެއްވިތޯ އާއި، ފިޔަވަޅެއް އެޅުއްވިތޯ އާއި، އެކަމުގައި ޒިންމާވާން ޖެހޭނެ ފަރާތަކީ ކޮބައިތޯއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އިންތިޚާބަކާ ގާތްވުމުން ބޮޑެތި މައްސަލަތައް ހުށަހެޅުމުން އެއީ ވުޒާރާ އާއި، ސްޕޯޓްސް ކޮމިޝަން އަދި ސްޕޯޓްސް ކައުންސިލަށްވެސް އުނދަގޫ ކަންކަން ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބާ ގުޅިގެން ޝަކުވާތަކެއް ހުށަހެޅިފައިވާއިރު، އެ މައްސަލަތައް ހުށަހަޅާފައި ވަނީ ސްޕޯޓްސް ކޮމިޝަނާއި ސްޕޯޓްސް ކައުންސިލަށް ކަމަށާއި، މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ސްޕޯޓްސް ކައުންސިލަށް ނަމަވެސް، ސްޕޯޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ އެ ޝަކުވާ ހުށަހެޅުނީމާ ކައުންސިލުން މިދިން ޖަވާބަކީ ފުރަތަމަ ކޮމިޝަނާއަށް ހުށަހަޅައިގެން ކޮމިޝަނާގެ ޖަވާބާ މެދު ހިތްހަމަނުޖެހޭނަމަ ކައުންސިލަށް ހުށަހެޅުމަށް. މި ޝަކުވާތަކާ ގުޅިގެން އަސާސީ ގަވާއިދުގައިވެސް އަދި ގެޒެޓްކޮށްފައިވާ އިންތިޚާބާ ބެހޭ އިއުލާންގައިވެސް އެއްވެސް މައްލައެއް ނެތް ކަމަށް އެ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް އަޅުގަނޑަށް އެނގިފަވަނީ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އާއްމު މެމްބަރުން އަތުން ފައިސާ ނެގުމާއި ގުޅޭ ގޮތުން ކުރިމަތިކުރިވި ސުވާލުތަކާއި ގުޅިގެން ވަޒީރު ވިދާޅުވީ މި މައްސަލަތައް ހުށަހަޅާފައި ވަނީ ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ހިމެނޭ ތިން މެންބަރުން ކަމަށާއި، ބޮޑުކޮށް ފައިސާ ނަގަމުން ގޮސްފައިވަނީ އެ މެންބަރުންވެސް ހިންގާ ކޮމިޓީގައި ތިބެގެން ކަމަށްވާއިރު، މި ވޭތުވެދިޔަ ތިން އަހަރުވެސް އެއްވެސް ޝަކުވާއެއް މެންބަރަކުވެސް އަދި ކުލަބަކުންވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޓީޓީގެ މައްސަލަ އަޅުގަނޑު ބެލިއިރު މިއޮތް ހުރިހާ ދުވަހު އެކްސްކޯގައި ތިއްބެވި ތިން ބޭފުޅަކު މިނިސްޓްރީގައި މި ޝަކުވާ ކުރައްވަނީ މި މަހުގެ ހަވަނަ ދުވަހު އިންތިޚާބަކަށް ގޮވީމަ. މިދިޔަ ތިން އަހަރު ޝަކުވާއެއް ނެތް ކޮށްފައެއް. އިންތިޚާބު ބާއްވަން މަހަކަށް ވީމާ އަޅުގަނޑުމެންނަށް މި ޖެހެނީ ބޮޑު މައްސަލައެއް ބަލައި، ތަހުގީގު ކުރަން އުޅެން. ތިބުނާ ފައިސާގެ ކަމެއް ހިނގިއިރުވެސް އެ ހުރިހާ ބޭފުޅުން އެކްސްކޯގައި އެބަތިއްބެވި. އެއްވެސް މައްސަލައެއް ޖެހިފައެއް ނެތް. އެއްވެސް ކުޅުންތެރިއަކު އެއްވެސް އެހެން ކުލަބަކުންވެސް ނެތް މައްސަލައެއް ހުށަހަޅާފައެއް. އެހެން ވީމާ ކުއްލިއަކަށް ދިމާވެގެން އުޅޭ މައްސަލައެއް ތިޔަ އުޅެނީ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ވަޒީރު ވިދާޅުވީ ހުރިހާ ފަރާތްތަކަކަށްވެސް ދޭ ޔަގީންކަމަކީ މައްސަލައެއް އުޅޭނަމަ އެކަން ބަލާނެ ކަމަށާއި، ސްޕޯޓްސް ކޮމިޝަނާއި ސްޕޯޓްސް ކައުންސިލަށްވެސް އެއްވެސް ގޮތަކުން ނުފޫޒް ނުފޯރުވާނެ ކަމަށެވެ. މީގެ ކުރީގެ ސްޕޯޓްސް ކައުންސިލަކީ ވަޒީރު އައްޔަންކުރައްވާ ކައުންސިލެއް ނަމަވެސް، މި ސަރުކާރުން އައިސް މިހާރު އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް ނަގާފައިވަނީ ޤާނޫނުގައި ބުނާ ގޮތަށް އިންތިޚާބު ވެގެން ކަމަށާއި، ކައުންސިލްގައި މަސައްކަތް ކުރާ ނުކުރާ ގޮތެއް ބަލާ ނުފޫޒް ނުފޯރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްވެސް މައްސަލައެއް އުޅޭނަމަ އަޅުގަނޑު އެދޭނަން ކޮމިޝަނާ ސްޕޯޓްސް އަރިހުން އަދި ސްޕޯޓްސް ކައުންސިލްގައިވެސް. އެކަމަކު އެއް ވާހަކައެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އަޅުގަނޑު ސްޕޯޓްސް ކޮމިޝަނާ އަދި ސްޕޯޓްސް ކައުންސިލަށްވެސް އެއްވެސް ގޮތަކުން ނުފޫޒް ފޯރުވާ ނުހަދަން. މިހާރުވެސް ސްޕޯޓްސް ކައުންސިލްވެސް ނަގާފައި ވަނީ ޤާނޫނުގައި ބުނާ ގޮތަށް. އަޅުގަނޑުމެން އައިއިރު ކައުންސިލްގައި ތިބީ މިނިސްޓަރު އައްޔަންކޮށްފައި ތިބި ބައެއް. އިންތިޚާބު ވެގެން އައިސްތިބި މީހުން މިހާރު އެތިބީ. ކައުންސިލްގައި މަސައްކަތް ކުރާ ނުކުރާ ގޮތެއް ބަލާ އަޅުގަނޑު ނުހަދަން. އެކަމަކު ކަމެއްގެ ޝަކުވާ އަތުވެއްޖެއްޔާ އެކަމެއް ބެލުމަށް އެދެން.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ޓީޓީ އެސޯސިއޭޝަނުގެ ޖެނަރަލް ސެކްރެޓްރީ އިސްމާއިލް ސުޖާއު (ސުޖާ) ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި

މި މައްސަލަ އާއި ގުޅިގެން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޓީޓީ އެސޯސިއޭޝަނުގެ ޖެނަރަލް ސެކްރެޓްރީ އިސްމާއިލް ސުޖާއު (ސުޖާ) ވިދާޅުވީ 2016 ވަނަ އަހަރުގެ ހިންގާ ކޮމިޓީން ނިންމާފައިވަނީ އާންމު މެންބަރެއްގެ އަތުން 200 ރުފިޔާ ނެގުމަށާއި، އެހެން ނަމަވެސް އެކަން އަސާސީ ގަވާއިދުން ބަދަލުގެނެސްފައި ނެތް ކަމަށެވެ. މިހާރުގެ ހިންގާ ކޮމިޓީން ޓީޓއާ ހަވާލުވުމުގެ ކުރިން ފީ ބޮޑުކުރުމަށް ނިންމައި އެކަން ކުރަމުން އަންނައިރު، މިހާތަނަށް ހަތަރު ފަހަރު އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު، އެއްވެސް ޖަލްސާއެއްގައި ފީއާ ގުޅޭ ގޮތުން މެންބަރަކު ސުވާލެއްކޮށް، ކަންބޮޑުމެއް ފާޅުކޮށްފައި ނެތް ކަމަށް ސުޖާ ވިދާޅުވިއެވެ.

200 ރުފިޔާ އަދި ފައިން ވެއްޖެއްޔާ 250 ނެގުމަށް ނިންމާފައިވަނީ ކުރީގެ ހިންގާ ކޮމިޓީން. 2016 ވަނަ އަހަރުން 2020 ވަނަ އަހަރަށް ކިތައް އަހަރު ވެއްޖެތޯ. ހަތަރު އަހަރު، ހަތަރު އޭޖީއެމް ގޮސްފި. ނެތް ތިބުނާ ވާހަކައެއް އައިސްފައެއް. ކުއްލިއަކަށް އިލެކްޝަން ބޯމަތިވީމާ ތިވާހަކަ ނަގައިފި. އެހެންވީމާ މަގުސަދާއި ދޭތެރޭ ސުވާލު އުފެދޭ.
ޓީޓީ އެސޯސިއޭޝަނުގެ ޖެނަރަލް ސެކްރެޓްރީ އިސްމާއިލް ސުޖާއު (ސުޖާ)

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އިންތިޚާބާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ފައިނަލް ލިސްޓު ނެރޭނީ 26 ވަނަ ދުވަހުގެ ފަހުން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ. ކުރިއަށް އޮތް އިންތިޚާބުގައި 15 ކުލަބަކުން ވޯޓްލާއިރު، 270 މެންބަރުން ވޯޓްލާނެ ކަމަށާއި މިހާރުގެ ހާލަތާއެކު ވޯޓްލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް