ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާތަނަށް 64 ރިސޯޓް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓުތައް ހުޅުވާ ތާރީހުތައް އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އޮގަސްޓް މަހު 22 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 21 ރިސޯޓެއް މިހާރު ހުޅުވާފައިވާއިރު، އޮގަސްޓް 29 ގައި އިތުރު އެއް ރިސޯޓް ހުޅުވާނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައިވާ އިރު، ބޯޑަރު ހުޅުވާލި ދުވަހު ވެސް 26 ރިސޯޓެއް ވަނީ ހުޅުވާފައެވެ. ޖުލައި މަސް ނިމުނު އިރު ޖުމްލަ 32 ރިސޯޓެއް ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުޅުވާފައިއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހު 14 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ އިރު، އޭގެތެރެއިން 12 ރިސޯޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުއެވެ. އަދި އަނެއް ދެ ރިސޯޓް ސެޕްޓެމްބަރު 10 އަދި 15 ގައި ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ.
މީގެއިތުރުން އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފަސް ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާ އިރު، އެ މަހުގެ 30 ވަނަ ދުވަހު ވެސް ރިސޯޓެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ބ. އަތޮޅު ފިނަޅޮހުގައި ހިންގަމުން ގެންދާ އަމިއްލަފުށި ރިސޯޓާއި ގއ. ކޫއްޑޫގައި ހިންގާ މެކުއާ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ވަނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ހުޅުވާފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު މަސް ދުވަހުގެ ތެރޭގައި 5000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.