ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 19:26
ފިލިއްޕޭ ކުޓީނިއޯ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު
ފިލިއްޕޭ ކުޓީނިއޯ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު
ގެޓީ އިމޭޖަސް
ކުޓީނިއޯ އަނބުރާ ބާސާއަށް
އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް އަދި ނޭނގޭ: ކުޓީނިއޯ
"ކޮންމެ ޓީމަކަށް ކުޅެން ޖެހުނު ކަމުގައިވިޔަސް އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާނަން"
ބާސާގެ ކޯޗު ކޫމަންގެ ޕްލޭންގައި ކުޓީނިއޯ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނޭ

އޭނާ އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް އަދި ނޭނގޭ ކަމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު ބާސެލޯނާގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ކުޓީނިއޯ މި ނިމުނު ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅުނުއިރު، ލޯނު އެއްބަސްވުން ހަމަވެ 110 މިލިއަން ޕައުންޑަށް ކުޓީނިއޯ ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ބަޔާނުން ހިފާފައެއް ނުވެއެވެ. އެހެންކަމުން އަންނަ ސީޒަނަށް އޭނާ އަނބުރާ ބާސާއަށް ބަދަލުވާނެއެވެ. އެކަމަކު މީގެ ކުރިން މީޑިއާތަކުން ވަނީ ބާސާއިން ކުޓީނިއޯ ވިއްކާލާނެ ކަމަށް ރިޕޯޓުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް އޭނާއަށް އަދި ނޭނގޭ ކަމަށާއި، އެނގޭހާވެސް ކަމަކީ ބަޔާންގެ ޖާޒީގައި އަންނަ ސީޒަނުގައި ނުފެންނާނެކަން ކަމަށެވެ.

އަދި ބުނީ އޭނާގެ ކުރިމަގާ މެދު ވަރަށް ބޮޑަށް ވިސްނާނެ ކަމަށާއި، ކޮންމެ ޓީމަކަށް ކުޅެން ޖެހުނު ކަމުގައިވިޔަސް، އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ސީޒަނަކީ އޭނާއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު ސީޒަނެއް ކަމަށާއި، ބަޔާންއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށްވެސް ކުޓީނިއޯ ބުންޏެވެ.

ބާސާއިން ކުޓީނިއޯ ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، އާސެނަލުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު ބާސާއާ ދާދި ފަހުން ހަވާލުވި ރޮނާލްޑް ކޫމަންގެ ޕްލޭންގައި ކުޓީނިއޯ ހިމެނޭތީ، އޭނާ ޓީމުގައި ބަހައްޓާނެ ކަމަށް ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އެގޮތުން ކުޓީނިއޯ ބާސާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ. އެކަމަކު އޭގެ ފަހުން މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ބަޔާނަށް ބަދަލުވެ ކުޓީނިއޯ ވަނީ ބަޔާނާއެކު މި ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް