ވަޒީފާގެ ސަބަބުން ދިރިއުޅުން ހަލާކުވެއްޖެ ކަމަށް ދަރިފުޅު ބުނިތާ މާގިނައިރުތަކެއް ނުވަނީސް ވައިޓް ހައުސްގެ އެޑްވައިޒަރ ކެލީއޭން ކޮންވޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކެލީއޭންގެ އަންހެން ދަރިފުޅު ކްލައުޑިއާ ކޮންވޭ ވަނީ އޭނާގެ ޝުއޫރުތައް ޓުވިޓަރގައި ހިއްސާކޮށްފައެވެ. އެއާއެކު ކްލައުޑިއާގެ މި ޓުވީޓް ވައިރަލް ވެގެން ދިޔައެވެ.
ކްލައުޑިއާ ބުނީ "މަންމަގެ ވަޒީފާ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ" ކަަމަށެވެ. އަދި ދަރިން އެތައް ކަމެއް ތަހައްމަލު ކުރަމުންދިޔައިރު މަންމަ އެ މަންޒަރު ބަލަން ހުރި ކަމަށާއި އެ ހުރިހާ ވެސް ކަމަކީ ފައިސާ އާއި މަޝްހޫރުކަން ކަމަށް ކްލައުޑިއާ ބުންޏެވެ.
ކެލީއޭން ކޮންވޭ މަޤާމުން އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވީ އޮގަސްޓް މަހުގެ ފަހު ކޮޅު ކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވީ ދަރިންގެ ކަންތައްތަކަށް ފޯކަސް ކުރުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ކެލީއޭން ކޮންވޭ އިތުރަށް ވިދާޅުވީ މިއީ އެކަމަނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އަދި ދިރިއުޅުމުގެ ކުރިއަށް ހުރި ޕްލޭންތައް ހާމަކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ނުފޫޒުގަދަ މަޤާމުގެ އިތުރުން ވައިޓް ހައުސްގެ ސީނިއަރ ކައުންސިލަރެއްގެ ހަސިއްޔަތުން ކެލީއޭން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ކެލީއޭން ކޮންވޭ ވެސް މަޤާމުން އިސް ދެއްވަން ނިންމާފައިވާއިރު އޭނާގެ ފިރިކަލުން ޖޯޖް ވެސް ވަނީ ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވާފައެވެ. 2016 ވަނަ އަހަރުން ފެށިގެން ޖޯޖް ވަނީ ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރައްވާފައެވެ.