ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 15:18
ބާސެލޯނާގެ ކޯޗު ލިއޮނެލް މެސީ އާއި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް
ބާސެލޯނާގެ ކޯޗު ލިއޮނެލް މެސީ އާއި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް
ގެޓީ އިމޭޖަސް
މެސީ ބާސާގައި މަޑުކުރުން
ޓުޗެލް ގަބޫލުކުރަނީ މެސީ ބާސާގައި މަޑުކުރާނެ ކަމަށް
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި
މެސީގެ އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ
" މެސީ އޭނާގެ ކެރިއަރު ނިންމާލާނީ ބާސާގައި"

ޕީއެސްޖީން އަބަދުވެސް ލިއޮނެލް މެސީއަށް މަރުހަބާ ކިޔާނެ ކަމަށާއި، އެކަމަކު އޭނާ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ މި ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން މެސީ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މެސީ ބޭނުންވާނަމަ ބާސާއިން އޭނާ ދޫކޮށްލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން މިއުނިކް އަތުން 1-0 ން ބަލިވި މެޗަށްފަހު ޓުޗެލް ބުނީ މެސީ އަކީ "މިސްޓަ ބާސެލޯނާ" ކަމަށާއި، އޭނާ ބާސާ ދޫކޮށްލުން އެއީ ނާދިރު ކަމެއް ކަމަށެވެ. އަދި މެސީ އޭނާގެ ކެރިއަރު ނިންމާލާނީވެސް ބާސާގައި ކަމަށް ޓުޗެލް ވަނީ ބުނެފައެވެ.

އެކަމަކު ޓުޗެލް ބުނީ މެސީ ފަދަ ކުޅުންތެރިއަކަށް އެއްވެސް ކޯޗަކު ނޫނެކޭ ނުބުނާނެ ކަމަށާއި، މެސީއަށް ޕީއެސްޖީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެހެންކަމުން މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކްލަބަކުން، ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ޕީއެސްޖީ އަކީ މެސީއަށް ފާރަލަމުން އަންނަ އެއް ކްލަބެވެ. ދެން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނީ މެންޗެސްޓާ ސިޓީ އާއި، ޔުވެންޓަސްގެ އިތުރުން އިންޓަ މިލާނެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މީގެ ކުރިން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ހޫނު މޫސުމުގައި މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް