މާލެ ސަރަހައްދުގެ 20 ގެސްޓްހައުސެއް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މާގިރި ހޮޓަލާއި އުނިމާ ގްރޭންޑް ވަނީ ޖުލައި މަހު ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. އޮގަސްޓް މަހުގެ ތެރޭގައި އިތުރު 18 ގެސްޓްހައުސެއް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ އިރު، އޭގެ ތެރެއިން ހަތް ގެސްޓަހުސް ބޭނުން ކުރަން ފަށާފައި ވަނީ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.
އިތުރު ދެ ގެސްޓްހައުސް އޮގަސްޓް ހަތަރެއް އަދި ހަވަނަ ދުވަހު ބޭނުންކުރަން ފަށާފައިވާ އިރު، އޮގަސްޓް 10 ވަނަ ދުވަހު ތިން ގެސްޓްހައުސެއް ވަނީ ބޭނުން ކުރަން ފަށާފައިއެވެ. އޮގަސްޓް 12 ވަނަ ދުވަހާއި 15 ވަނަ ދުވަހު އިތުރު ދެ ގެސްޓްހައުސެއް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، އޮގަސްޓް 20 ވަނަ ދުވަހު ދެ ގެސްޓްހައުސް އަދި އޮގަސްޓް 24 ވަނަ ދުވަހު ދެ ގެސްޓްހައުސް ވަނީ ބޭނުންކުރަން ފަށާފައެވެ.
މިހާރު ބޭނުން ކުރަމުންދާ ގެސްޓްހައުސްތަކުގެ ތެރެއިން ނުވަ ގެސްޓްހައުސް ހުންނަނީ މާލޭގައެވެ. އަދި 11 ގެސްޓްހައުސް އަކީ ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްތަކެވެ.
މީގެ އިތުރުން ސެޕްޓމްބަރު އެއް ވަނަ ދުވަހު އިތުރު ދެ ގެސްޓްހައުސެއް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ. ދެ ރިސޯޓެއް ކަމަށްޗާ އަމިއްލަފުއްޓާއި މެކުއާ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ވެސް ބޭނުން ކުރަމުން ދަނީ ޓްރާންސިޓް ފެސިލިޓީގެ ގޮތުގައިއެވެ.
ރާއްޖޭގެ ސަރުކާރުން ވަނީ ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރު ކުރުމަށް ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖައްސައި ފަސް ހޮސްޕިޓަލަކުން ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. އެއީ އައިޖީއެމް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، އައްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
އޭގެ އިތުރުން ބައެއް ރިސޯޓްތަކުން ވެސް ފަތުރުވެރިންނަށް ޕީސީއަރު ޓެސްޓު ހެދޭ އިރު، ބައެއް އެއާޕޯޓްކުން ވެސް ޓެސްޓު ހެދޭނެ އެވެ.