ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 10:46
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހުގެ ޖަލްސާގައި
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޯމަ ދުވަހުގެ ޖަލްސާގައި
ފޭސްބުކް
އެފްއޭއެމްގެ އިންތިޚާބު މައްސަލަ
އެފްއޭއެމްގެ އިންތިޚާބު ބަލައިގަތުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނުން ނިންމައިފި
"ގަވާއިދާ ޚިލާފަށް އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއް ހިނގަމުންދާ ކަމަށް ގަބޫލު ނުކުރައްވަން"
ސްޕޯޓްސް ކޮމިޝަނާ ހީނާ އަޙްމަދު ސަލީމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އިންތިޚާބު ސައްހަ ކަމަށް

ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާ ކުރެވުނު ސުވާލާއި، އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޤާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއް ހިނގަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެފަދަ ކަމެއް ކުރިއަށްދާނަމަ އެކަން ކުޅިވަރާ ބެހޭ ވުޒާރާގެ ސަމާލުކަމަށް ކުލަބު ޖަމުޢިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނުން ގެނެސްދެއްވާނެ ކަމަށެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު ހުއްޓުވުމުގެ ބާރެއް ކުޅިވަރާ ބެހޭ ވުޒާރާއަށް ނެތް ކަމަށާއި، އެކަން ކުރުމުގެ ފުރުސަތު ނެތްއިރު، އެ އިންތިޚާބު ހުއްޓުވުމަށް ވުޒާރާއިން އަންގާފައިނުވާނެ ކަމަށާއި، އެފްއޭއެމްގެ އިންތިޚާބު ވުޒާރާއިން ގަބޫލުކުރާއިރު، ސްޕޯޓްސް ކޮމިޝަނުން ލިޔުމުން އެކަން އެފްއޭއެމަށް އަންގާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން ސްޕޯޓްސް ކޮމިޝަނުން ކުރާނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްއާ ގުޅޭގޮތުން ތަކުރާރުކޮށް ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ކުޅިވަރާ ބެހޭ ވުޒާރާގައި އެދުމުން އިންތިޚާބު ފަސްކުރުމަށް އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވި ކަމަށާއި، އެ އިންތިޚާބު ފަސްކުރުމާއި ނުކުރުން އެއީ އެފްއޭއެމްގެ އިޚުތިޔާރުގައިވާ ކަމެއް ކަމަށެވެ.

އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއް ހުއްޓުވުމަށް އަޅުގަނޑަކަށް ނޭނގޭނެ. އެއީ އަޅުގަނޑަށް ލިބިގެންވާ ބާރެއް ނޫން. ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަޅާ ފިޔަވަޅުގެ ތެރޭގައިވެސް އިންތިޚާބު ހުއްޓުވުމެއް ނޯވޭ. ކޮމިޓީއަށް އަޅުގަނޑު ހާޒިރުކުރިއިރު އިޖުތިމާޢީ ކޮމިޓީންވެސް ތަކުރާރުކޮށް ބުނި އިންތިޚށބު ފަސްކުރުމަށް އަންގާފައި ނޯންނާނެ ކަމަށް. ސްޕޯޓްސް ކޮމިޝަނާވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި. ފީފާ އާއި އޭއެފްސީންވެސް އިންތިޚާބު ގަބޫލުކުރޭ. އެހެން ކަމުން އަޅުގަނޑުމެން އިންތިޚާބު ބަލައިގަންނަން.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިޚާބުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީ ކަމަށް ބުނެއެވެ. އޭގެ ފަހުން ކުޅިވަރާ ބެހޭ ވަޒީރާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި އެފްއޭއެމްގެ ލީޑާޝިޕް ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މީގެ ކުރިން ވިދާޅުވެފައި ވަނީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިޚާބަކީ ބާތިލު އިންތިޚާބެއްކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ޤާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން މުޙައްމަދު ނަޝީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ބައިވަރު ގަވާއިދުތައް ހުންނަ ކަމަށާއި، ކޮންމެ ގަވާއިދަކަށް އަމަލުނުކޮށްގެން އެއީ އިންތިޚާބެއް ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައިވަރު ގަވާއިދުތައް ބައިވަރު ޤާނޫނުތައް ހެދިފައި ހުރޭ. ތަބުނާ ގަވާއިދަކުން އިނދެދާނެ ތަންކޮޅެއް ނެއްޓިގެން ގޮސްފައި. މަގުމަތީގައި އެއްޗެހި ދުއްވާފަ ދާއިރު އޭގަ އިނދޭ މަގަށް އަޅާއިރު ސިގްނަލް ދޭން ޖެހޭ ކަމަށް. އޭގަ އޮވެދާނެ ބަރުގޮނު ނާޅަން. ނަމަވެސް އޭގެއިން ކޮންމެ ފަހަރަކީ ކުށްވެރިވެ ބޮޑު ގައުމީ އެސޯސިއޭޝަނެއް ބަލައިނުގަނެ އުވާލާން ޖެހޭ ސަބެއް ނޫން. ޚިޔާލު ތަފާތުވާ ކަންކަން އެބަހުރި. އެކަމަކު އަޅުގަނޑު ގަބޫލެއްނުކުރަން އެފްއޭއެމްގެ އިންތިޚާބުގައި މައްސަލައެއް އުޅޭ ކަމަކަށް.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން "ރާއްޖެ.އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ އިންތިޚާބު ސައްހަ ކަމަށާއި، އެ އިންތިޚާބު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީންވެސް ބަލައިގަނެފައިވުމާއެކު، ސްޕޯޓްސް ކޮމިޝަނުންވެސް އިންތިޚާބު ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އައު ހިންގާ ކޮމިޓީ ބަލައިގަނެފައިވާކަމުގެ ލިޔުން އެފްއޭއެމަށް ނުދެވި ލަސްވެފައިވަނީ އަސާސީ ގަވާއިދުގެ ބައެއްކަންކަން ފައިނަލް ނުކުރެވިގެން ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް