އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުންގެ ސިއްހީ ހާލުކޮޅު ގޯސްވެ ކޯމާއަކަށް ގޮސްފައިވާކަމަށާއި ގައުމު ހިންގުން ވަގުތީގޮތުން ކޮއްކޯފުޅާއި ހަވާލުކޮށްފައިވާކަމުގެ ރިޕޯޓުތައް ފެންމަތިވެއްޖެއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުގައި މި ހަބަރު ހަލުވިކަމާއި އެކު ފެތުރެމުންދަނީ، ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގެ ލީޑަރ ކިމް އާއި ގުޅޭ އެއްވެސް ހަބަރެއް ނުވާކަމަށް ބުނެއެވެ. އަދި، މިޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ސިއްހީ ހާލުކޮޅު ގޯސްވެ ލީޑަރ ކިމް ވަނީ ކޯމާއެއްގައެވެ. އެގޮތުން، ގައުމު ހިންގުމުގެ މަސްއޫލިއްޔަތާއި ގައުމުގެ އެތެރޭގެ ކަންތައްތަކާއި ހާރިޖީ ކަންތައްތައް ބެލެހެއްޓުން ކޮއްކޯފުޅު ކިމް ޔޯ ޖޮންގ އާއި ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ޕޮލިޓިކަލް އެފެއާރޒް ސެކްރެޓަރީ ޗޭންގ ސޮންގ މިން އެ ގައުމުގެ މީޑިއާކަށް ދިން އިންޓަވިއުއަކާއި ގުޅިގެންނެވެ. އުތުރު ކޮރެއާ އާއި ޗައިނާއާއި ހާއްސަ ގުޅުމެއް އޮންނައިރު، އެ ގައުމުގެ ކަމުވޮށިގެންވާ ބޭފުޅަކާ ހަވާލާދީ އޭނާ ވިދާޅުވީ، ހާރިޖީ ގުޅުންތައް ހީނަރުނުކޮށް ބެލެހެއްޓުންވެސް ކޮއްކޯފުޅާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އޭނާ އިންޓަވިއުގައި ވިދާޅުވީ، ގަބޫލު ކުރެވޭ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރ ގައުމުގެ އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް އެހެން ފަރާތަކާއި ހަވާލުކުރާނީ ސިއްހީ ހާލުކޮޅު ގޯސްވެ ކޯމާއެއްގައި އޮތުމުން ކަމަށެވެ. ކިމް އަދި އަވަހާރަނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ ކާފަގެ ހަނދާނުގައި އޭޕްރިލް މަހު 15 ގައި ބޭއްވި އެއްވެސް ޙަފުލާއެއްގައި ކިމް ބައިވެރިވަޑައިގެންފައި ނުވާކަމުގެ ވާހަކަތައް ދެކެވުނު ހިސާބުން، ގިނަ ބަޔަކު ވަނީ ކިމް އަވަހާރަވެއްޖެ ކަމަށް ކަނޑައަޅާފައެވެ. ޤައުމުގެ ދައުލަތުގެ ނުފޫޒުގެ ތެރެއިން ހުރިހާ މީޑިއާއެއް ހިންގަމުން އަންނައިރު، މިވީހާ ދުވަހުވެސް އޭނާގެ ޞިއްޙީ ޙާލަތު ރަނގަޅުކަމަށް އެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި އައު ހަބަރުތަކާއި ގުޅިގެން އަދި މިކަން ދޮގުކޮށްފައި ނުވެއެވެ.