ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 18:41
ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް
ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް
ގެޓީ އިމޭޖަސް
މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވުން
ބޮލޯނިއާގެ ކޯޗު މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހޮނިހިރު ދުވަހު ހެދި ޓެސްޓްގެ ނަތީޖާއިން
މިދިޔަ އަހަރު ލޭގެ ކެންސަރަށް ޕޮޒިޓިވްވި މިހަލޮވިޗް ވަނީ ލުކީމިއާއަށް ކީމޯތެރަރީގެ ފަރުވާ ހޯދާފައެ

އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހޮނިހިރު ދުވަހު ހެދި ޓެސްޓްގެ ނަތީޖާއިންނެވެ. މީގެ ކުރިން ކެންސަރަށްވެސް ފަރުވާ ހޯދާފައިވާ މިހަލޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު، މިހާރު ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހަލޮވިޗް މަދުވެގެން އައިސޮލޭޝަންގައި ދެ ހަފުތާ ހޭދަކުރަން ޖެހޭނެއެވެ.

މިދިޔަ އަހަރު ލޭގެ ކެންސަރަށް ޕޮޒިޓިވްވި މިހަލޮވިޗް ވަނީ ލުކީމިއާއަށް ކީމޯތެރަރީގެ ފަރުވާ ހޯދާފައެވެ.

ސާބިއާގެ ވަރުގަދަ ބާރު ރެޑްސްޓާ ބެލްގްރޭޑަށް ކުޅުމަށްފަހު 1992 ވަނަ އަހަރު އިޓަލީގެ ރޯމާއަށް ބަދަލުވި ފަހުން މިހަލޮވިޗް މުޅި ކެރިއަރު ހޭދަކުރީ އެ ލީގުގައެވެ. އޭގެ ފަހުން ސަމްޕްޑޯރިއާއަށް ކުޅުމަށް ފަހު އޭނާ އެންމެ މަޝްހޫރުވީ ލާޒިއޯގައި ހޭދަކުރި ދުވަސްވަރެވެ.

ސްވެން-ގޯރާން އެރިކްސަންގެ ކޯޗުކަމުގައި ލާޒިއޯއިން 2000 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއިރު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާގެ ކެރިއަރު ނިންމާލީ އިންޓަ މިލާނުންނެވެ.

އެއަށްފަހު ކޯޗިންގ ކެރިއަރު 2006 ގައި މިހަލޮވިޗް ފެށީ އިންޓަގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އޭނާ ވަނީ ފިއޮރެންޓީނާ، ކަޓާނިއާ، ސަމްޕްޑޯރިއާ، އޭސީ މިލާން އަދި ޓޮރިނޯ އާއި ސާބިއާ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް