ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 15:05
ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް
ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް
ގެޓީ އިމޭޖަސް
ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރާ މެޗު
ޕީއެސްޖީ ވެގެން ގޭމް ޕްލޭން ބަދަލެއް ނުކުރާނަން: ފްލިކް
ބަޔާން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރު
ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވޭ
ޕީއެސްޖީ އާއި ބަޔާން ކުޅޭ ފައިނަލް މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު ވެގެން ގޭމް ޕްލޭން ބަދަލުނުކުރާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުންވެސް ބަޔާން ވަނީ މޮޅުވެފައެވެ. ބަޔާންއާ ފްލިކް ހަވާލުވި ފަހުން ހުރިހާ މެޗެއްގައި ވެސް އެޓީމު ލައްވައި ކުޅުވާފައިވަނީ ދާދި އެއް ސްޓައިލަކަށެވެ. އެގޮރުން ހައި ޕްރެސިންގ ގޭމެއް ބަޔާނުން ކުޅޭއިރު، އެންމެ ފަހުން ސެމީފައިނަލްގައި 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ ބަލިކުރި މެޗުގައިވެސް ބަޔާނުން ކުޅެފައިވަނީ ހައި ޕްރެސިންގ ގޭމެކެވެ.

އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ފްލިކް ބުނީ ބަޔާނުން މިހާތަނަށް ކުޅުނު މެޗުތަކުގައި ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނަސް، އެޓީމުން މެޗަށް ނުކުންނަނީ ހައި ޕްރެސިންގ ގޭމެއް ކުޅުމަށް ކަމަށާއި، އެ ޕްލޭނާއެކު އެޓީމު ބޭނުންވާ ނަތީޖާ ނެރެވިފައިވާ ކަމަށެވެ. އެހެންކަމުން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު، ގޭމް ޕްލޭން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފްލިކް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފްލިކް ބުނީ މެޗާ ކުރިމަތިލާއިރު، މިހާތަނަށް ކުޅުނު 10 މެޗުންވެސް މޮޅުވެފައި އޮތުން އެއީ ބަޔާނަށް އޮތް ހިތްހަމަ ޖެހުމެއް ކަމަށާއި، އެކަމަކު ޕީއެސްޖީ މެޗު އެޓީމަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު ޕީއެސްޖީ ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފްލިކް ވަނީ ބުނެފައެވެ.

ބަޔާން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރުއެވެ. ބަޔާން ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް

ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، އާދީއްތަ ދުވަހުގެރޭގެ މެޗުގެ ކުރިން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިހާރުގެ މެނޭޖްމަންޓުން ޕީއެސްޖީގައި އިންވެސްޓްކުރަން ފެށި އެންމެ ބޮޑު ސަބަބަކީވެސް އެ ކުލަބު ޔޫރަޕްގެ ބޮޑު ބާރަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ކަމަށެވެ.

އަދި ވަރުގަދަ ބަޔާނާ ދެކޮޅަށް ޕީއެސްޖީ ނުކުންނައިރު، މިފަދަ މެޗުތަކުގެ ތަޖުރިބާގެ ގޮތުން ބަޔާނަށް ފައިދާއެއް އޮތް ނަމަވެސް، އެއީ މާ ބޮޑު ފަރަގެއް އަންނާނެ ކަމެއްގެ ކަމަށް ގަބޫލުނުކުރާ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުއާޓާއިން ފަށައިގެން ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، އާފީއްތަ ދުވަހުގެރޭ ޕީއެސްޖީ އާއި ބަޔާން ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް