ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 21:41
ސިވިލް ކޯޓް
ސިވިލް ކޯޓް
މުހައްމަދު ޝަރުހާން
ކޯޓް
މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ
ސިވިލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ ނިންމި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ
ސިވިލް ކޯޓަށް 2016 ވަނަ އަހަރު 2732 މައްސަލަ ހުށަހެޅިފައިވާއިރު، 3326 މައްސަލަ ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން %61 މައްސަލަ އެކޯޓުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަަދު އިތުރުވެފައިވާކަން ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓް 2016 އިން ދައްކައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ކޯޓްތަކުގެ ޕާފޯމަންސް ރިޕޯޓް 2016 ގައި ބުނެފައިވާ ގޮތުގައި ނިދމިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ ނިންމި މައްސަލަތަކުގެ އަދަދު ނިސްބަތުން ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އެގޮތުން، 2015 ވަނަ އަހަރު ނުނިމި އޮތް 1،243 މައްސަލަ އާއި، 2016 ވަނަ އަހަރު ހުށަހެޅުނު 2،732 މައްސަލައާ އެކު، ޖުމްލަ 3،975 މައްސަލައިގެ ތެރެއިން 3،326 މައްސަލަ ނިންމާފައި ވެއެވެ. މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި ބާކީ އޮތީ 649 މައްސަލައެވެ.

ޑީޖޭއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015  ވަނަ އަހަރާ އަޅާބަލާއިރު، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ނިންމި މައްސަލަތަކުގެ އަދަދު 2016 އަހަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރު ހުށަހެޅުނު 1،568 މައްސަލައިގެ ތެރެއިން 626 މައްސަލަ އެ ޑިވިޜަނުން ނިންމާފައި ވާއިރު، 2016 ވަނަ އަހަރު ހުށަހެޅުނު 1،678 މައްސަލައިގެ ތެރެއިން  1،040 މައްސަލަ އެޑިވިޜަނުން ވަނީ ނިންމާފައެވެ.

ނިމިދިޔަ އަހަރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ މައްސަލައިގެ އަދަދަކީ އެންމެ 3 އެވެ. އެއީ ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ %5.0 އެވެ. ސިވިލް ކޯޓުގައި ނުނިމި އޮތް މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ 3 މައްސަލައިގެ ތެރެއިން 2 މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެ ތިން އަހަރު ނުވާ 2 މައްސަލައެވެ. ބާކީ އޮތް މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ ތިން އަހަރާއި ފަސް އަހަރުގެ މުއްދަތެއް ހޭދަވެފައިވާ މައްސަލައެކެވެ. ކޯޓަށް މައްސަލަ ހުށަހެޅުނުތާ ފަސް އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެއްވެސް މައްސަލައެއް އެކޯޓުގައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ކްރިމިނަލް ކޯޓަށް 806 މައްސަލަ ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރު 1،408 މައްސަލަ ހުށަހަޅާފައި ވެއެވެ. މިއީ، 2015 ވަނަ އަހަރާ އަޅާބަލާއިރު %75 ގެ އިތުރުވުމެކެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތައް މިހާ ބޮޑުތަން އިތުރުވެފައިވާ އިރު، ކްރިމިނަލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން %61 މައްސަލަ އެކޯޓުން ނިންމާފައިވާކަން ފާހަގަކުރެ ވެއެވެ.

ކްރިމިނަލް ކޯޓުގައި 2015 ވަނަ އަހަރުގެ ނިޔަލަށް އެކޯޓުގައި ނުނިމި އޮތް 890 މައްސަލަ އާއި، 2016 ވަނަ އަހަރު ހުށަހެޅުނު 1،408 މައްސަލައާ އެކު ޖުމްލަ 2،298 މައްސަލައިގެ ތެރެއިން 860 މައްސަލަ އެކޯޓުން 2016 ވަނަ އަހަރު ނިންމާފައި ވެއެވެ. އަދި އަހަރު ނިމުނުއިރު 1،438 މައްސަލަ ނުނިމި އޮތެވެ.

މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި ނުނިމި ބާކީ އޮތް 1،438 މައްސަލައިގެ ތެރެއިން %68 އަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުނުވާ މައްސަލައެވެ. އެއީ 984 މައްސަލައެވެ. އޭގެ އިތުރުން އަހަރުވެ ތިން އަހަރު ނުވާ 240 މައްސަލަ އާއި، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވާ 139 މައްސަލައަކާއި، ފަސް އަހަރު ހޭދަވެފައިވާ 75 މައްސަލައެއް 2016 ވަނަ އަހަރު ނިމުނުއިރު އެކޯޓުގައި އޮތެވެ.

- ކޮމެންޓް