ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 19:47
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ޓީޓީ މުބާރާތެއްގައި ހޯދި ކާމިޔާބު ފާހަގަކުރާއިރު، ތޯހާ އެ ކުދިންނާއެކު
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ޓީޓީ މުބާރާތެއްގައި ހޯދި ކާމިޔާބު ފާހަގަކުރާއިރު، ތޯހާ އެ ކުދިންނާއެކު
ފޭސްބުކް
ޓީޓީ އެސޯސިއޭޝަނަށް ތޯހާ ކުރިމަތިލެއްވުން
މަޝްހޫރު ޕްރިންސިޕަލް ތޯހާ ޓީޓީ އެސޯސިއޭޝަނުގެ ރައީސް ކަމަށް
ތައުލީމީ ދާއިރާގައި ތޯހާ 20 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކުރެއްވި
ތޯހާ ވިދާޅުވީ ޓީޓީ އެސޯސިއޭޝަނަށް އޭނާއެކު ނުކުންނަ ޓީމަކީ ގާބިލް، ކުޅަދާނެ ޓީމެއް ކަމަށް
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު 10 އަހަރު އަދާކުރި ތޯހާ ސަލީމް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ކުރިމަތި ލައްވައިފިއެވެ.

ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ކާމިޔާބު އެތައް ދަރިވަރެއް ނެރެދީފައިވާ ތޯހާ "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ޓީޓީގެ ވަރަށް ގިނަ ކުޅުންތެރިންނާއި، ޓީޓީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.

ޓީޓީގެ ކުޅުންތެރިންތަކެއް އެދުނީ އަޅުގަނޑު ނުކުންނަން. ކުޅުންތެރިންގެ އެދުމުގެ މަތިން އަޅުގަނޑު އެމީހުންނާއި ބައްދަލުކުރިން. އެ ބައްދަލުވުމުން ފެނިގެންދިޔަ މިހާރުގެ ކުޅުންތެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިން އަދި ޓީޓީގައި އެކި ގޮތް ގޮތުން ހަރަކާތްތެރިވާ ފަރާތްތައް. އެ ހުރިހާ ފަރާތްތަކެއްގެ ވާހަކަ އަޑުއަހާފައި އަޅުގަނޑަށް ގަބޫލުކުރެވުނީ ޓީޓީ އެސޯސިއޭޝަނުގައި މި ޓީމާއެކު ރަނގަޅު މަސައްކަތެއް ކުރެވިދާނެ ކަމަށް.
ތޯހާ ސަލީމް

ސްކޫލް ދައުރުގައި ތޯހާ އަކީ ގިނަ ކުޅިވަރުތަކެއް ކުޅުއްވި އެތުލީޓެކެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އާއި އެހެންވެސް ބައެއް ކުޅިވަރުތައް ކުޅުއްވިއެވެ. މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލްމަރްޙޫމް ދުންތަރި އިބްރާހިމް މަނިކުގެ ހަނދާނުގައި ދުންތަރި އާއިލާ އާއި ޓީޓީ އެސޯސިއޭޝަނުން ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ ޓީޓީ މުބާރާތުގައި ތޯހާ ވަނީ ވާދަކޮށްފައެވެ.

ހަ އަހަރު ދުވަހު އަތޮޅުތެރޭގެ އެކި ސްކޫލްތަކުގައި ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވި ތޯހާ، އީޕީއެސްއެސްއިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށްފަހު، ތައުލީމީ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގައެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތްކުރެއްވުމަށް ފަހު އިންޑިއާއަށް ވަޑައިގެން ސްކޫލް މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވިއެވެ. ޓީޗިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާއިން އެޑިއުކޭޝަނަލް މެނޭޖްމަންޓުން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މަނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާވެސް ހާސިލް ކުރައްވައިފައިވާ ތޯހާ ވިދާޅުވީ ތައުލީމީ ދާއިރާގެ މީހަކަށް ނުވިނަމަ އޭނާ ހުންނާނީ ކުޅިވަރުގެ ދާއިރާގެ ތެރޭގައި ކަމަށެވެ.

ކުޅިވަރަކީ އަބަދުވެސް ކުޑައިރުވެސް އެންމެ ޝައުގުވެރިވާ ދާއިރާ. ތައުލީމީ ދާއިރާއަށް ދެވުނީ ބައްޕަ ވަރަށް ބޭނުންވޭ އެ ދާއިރާގައި އަޅުގަނޑު މަސައްކަތްކުރަން، އެހެންވެ. ބައްޕަގެ އެދުމުގެ މަތިން އެ ދާއިރާއަށް ދެވުނީ.
ތޯހާ ސަލީމް

ރާޒުވާގެ ގައުމީ އިންސްޓަކްޓަރެއްގެ ގޮތުގައިވެސް ހިމެނޭ ތޯހާ އަކީ ޗެސް ފެޑަރޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައިވެސް ހިމެނޭ ބޭފުޅެކެވެ. ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކަރިކިއުލަމްގެ ތެރޭގައި އެ ކުޅިވަރު ހިމެނިގެން ކިޔަަވައިދެއްވާފައިވެއެވެ.

ތޯހާ ވިދާޅުވީ ޓީޓީ އެސޯސިއޭޝަނަށް އޭނާއެކު ނުކުންނަ ޓީމަކީ ގާބިލް، ކުޅަދާނަ ޓީމެއް ކަމަށާއި، ޓީޓީގެ ކުރިމަގަށް ވިސްނާ ކޮންމެ ކުލަބެއް އަދި ކުޅުންތެރިއަކުވެސް އެޓީމަށް ތާއީދު ކުރާނެ ކަމަށެވެ.

ތޯހާއާއެކު ޓީޓީގެ ވަރުގަދަ ޓީމެއް އޮތްއިރު، އޭގެ ތެރޭގައި ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ތިން ބޭފުޅާކާއި، ގައުމީ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިން އަދި މިހާރުވެސް ޓީޓީގެ ހިންގުމުގައި ހަރަކާތްތެރިވާ ބޭފުޅުން ހިމެނެއެވެ.

ޓީޓީ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވެފައިވާއިރު، އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއެވެ. އަދި ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބު ބާއްވާނެ ގަޑި އާއި ބާއްވާނެ ތަނެއް ނިންމާނީ ހެލތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
23 އޯގަސްޓް 2020 | އާދީއްތަ 12:58
އަހުމަދު
ޓީ ޓީ އެސޯސިއޭޝަން ގެ ހާލު މިވަގުތު އޮތް ގޮތަށް ބަލާއިރު ތިއީ ކޮންމެހެން ކުރަންވެއްެޖެކަމެއް. ޤައުމީ ޓީމު އެއްކޮށްކަހަލަ ގޮތަކަށް އޭނާގެ ފަހަތުގައި ތިބި ކަމީ ބަދަލަކަށް ބޭނުންވެފައިވާ ވަރު ވަޒަން ކުރެވޭ ކަމެއް. ގިނަ ކުޅުންތެރިންނާއި މެމްބަރުން ތޯހާ އާއި އެކު ތިބުމާއި އެކު ތޯހާ އަށް ތިކަންވާނެ. އޭނާގެ ހުނަރާއި ޤާބިލް ކަށް އަދި ތަޖުރިބާ އެބަހުރި. އެކަމަކާ ޝައްކެއްނުކުރަން. އޭނާ އާއި އެކު އޮތް ޓީމު ވަރަށް ވަރުގަދަ. ކުޅިވަރު އެސޯސިއޭޝަން ތަކަކީ މާފިޔާ އުސޫލުން ހިނގާ ތަންތަން ކަމަށް ބެލެވިފައިވާއިރު އެތިބި ބަޔަކު ޕާރފޯރމް ކުރިއަސް ނުކުރިއަސް އަތްގަދަ ކޮއްގެން ކުރިއަށް ގެންދާތަން މިފެންނަނީ. އެހެންވީމާ މިކަހަލަ ބަދަލެއް އައިސްގެން މެނުވީ އިތުރު ކުރިއެރުމެއް ޓީ ޓީ އަަަށް އަންނާނެ ކަމަކަށް ނުބެލެވެ. ގުޑް ލަކް ތޯހާ!