ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގައި ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ލިބޭ ބާރުތަކެއް އުވާލައި "ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދު" އަލުން އިސްލާހުކޮށްފިއެވެ.
ބިމާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" އިސްލާހުކޮށް ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ވުޒާރާގެ ބައެއް މަސްއޫލިއްޔަތު ވަނީ އުވާލާފައެވެ. މިހާރު ބިމާއި ބެހޭ ކަންކަން ހަވާލުވެފައިވާ މިނިސްޓްރީ އަކި ޕްލޭނިންގ މިނިސްޓްރީއެވެ.
ގަވާއިދު އިސްލާހުކޮށް އަލުން ގެޒެޓް ކޮށްފައިވާއިރު، މި ގަވާއިދުގެ 8 ވަނަ ނަންބަރު (ބީލަމަށް ހުޅުވައިނުލާ ދޫކުރެވޭ ބިން) ގެ 5 ވަނަ ނަންބަރު ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ގަވާއިދުގައި ބުނެފައިވާ "ދަނޑުވެރިކަމުގެ މަސައްކަތަށް 1 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން" އިސްލާހުކޮށް "ދަނޑުވެރިކަމުގެ މަސައްކަތަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން" އަށް ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ދެން ދަނޑުވެރިކަމަށް ބިން ދޫކުރާ އިރު 3 އަހަރަށް ބިން ދޫކުރެވިދާނެއެވެ.
މި ގަވާއިދުގެ 10 ވަނަ މާއްދާގައި ހިމެނޭ މިނިސްޓްރީއަށް ދީފައިވާ ބައެއް ބާރުތައް ވަނީ އުނިކޮށްފައެވެ. އެގޮތުން 10 ވަނަ މާއްދާގެ ނ، ރ އަދި ބ ވަނީ އުވާލާފައެވެ. ގަވާއިދު އިސްލާހު ކުރުމުގެ ކުރިން 10 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ "މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ ދަށުން އެއްވެސް ބިމެއް 10 އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ދޫކުރަން ވާނީ މިނިސްޓްރީން" ކަމަށެވެ. އަދި (ރ) ގައި ބުނެފައިވަނީ "މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 10 އަހަރުދުވަހަށް ވުރެ ދިގު މުއްދަތަކަށް ބިން ދޫކުރާނަމަ، ބިން ދޫކުރާ އެއްބަސްވުން އޮންނަންވާނީ މިނިސްޓްރީއާއި، ބިމާ ހަވާލުވާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ގޮތަށް" ކަމަށެވެ.
މީގެ އިތުރުން (ބ) ގައި ބުނެފައިވަނީ "މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތައް ކުއްޔަށް ދޫކުރުމުގައި ރަށު ކައުންސިލްތަކާއި ރަށުގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާތަކާއި ސިޓީތަކުގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާތަކުގެ ދައުރަކީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ބިމުގެ ކަންކަން ބެލެހެއްޓުން" ކަމަށެވެ.
10 ވަނަ މާއްދާގެ މި ތިން އަކުރު އުވާލާފައިވާތީ މީގެ ފަހުން ބަންޑާރަގޯތި ނޫން އެހެން ބޭނުމަށް ދޫކުރެވޭ ބިމުގެ ކަންކަމުގައި މިނިސްޓްރިއާއި އެއްވެސް މުއާމަލާތެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އެކަންކަން ބަލަހައްޓާނީ ބިމުގެ އިހްތިސާސް ހިނގާ ކައުންސިލް ނުވަތަ ސިޓީ ކައުންސިލަކުންނެވެ.
އިސްލާހު ކުރި ގަވާއިދުގައި ވަނީ ދޫކުރާ ބިމުގެ ބޮޑުމިނުގެ ކަންކަމުގައި މިނިސްޓްރީގެ ދައުރު ހިމެނޭ ބައިތައް އުވާލާފައެވެ. އެގޮތުން 13 ވަނަ މާއްދާގެ (ށ) އަދި (ނ) އުނިކުރުމުން، މީގެ ކުރިން އަމަލުކުރަމުން އައި ގޮތަށް މިނިސްޓްރީގެ ހުއްދައެއް އަދި ދައުރެއް ނޯންނާނެ އެވެ. 13 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރާއްޖޭގެ އެއްވެސް ރަށަކުން 10,000 އަކަފޫޓަށްވުރެ ބޮޑުބިމެއް ސަރުކާރުގެ އިދާރާއެއްގެ އަދި އަމިއްލަ ފަރާތެއްގެ ބޭނުމަކަށްވިޔަސް ދޫކުރެވޭނީ މިނިސްޓްރީއަށް ކަމަށެވެ. އަދި (ނ) ގައި ބުނެފައިވަނީ 10,000 އަކަފޫޓަށްވުރެ ކުޑަ ބިމެއްނަމަ މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިން ކަމަށެވެ.
މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) އާއި (ބ) ވެސް ވަނީ އުވާލާފައެވެ. މި ދެ އަކުރުގައި ވެސް ހިމެނެނީ މިނިސްޓްރީގެ ދައުރެވެ. އެގޮތުން (ރ) ގައި ބުނެފައިވަނީ ސިޓީތަކާއި ރަށްރަށުން ދޫކުރާ 10,000 އަކަފޫޓަކަށްވުރެ ކުޑަބިމެއް ދޫކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި އެ ބިމާބެހޭ ތަފުސީލީ މަޢުލޫމާތު (ބިން ތަނާއި، ބިމުގެ ސައިޒާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރާ ބޭނުން، ބިން ދޫކުރެވުނު މުއްދަތާއި، ބިން ދޫކުރެވުނު ތާރީޚާއި، ބިމުގެ މުއްދަތު ހަމަވާ ތާރީޚާއި، ބިން ދޫކުރި ފަރާތާއި، ބިން ދޫކުރެވުނު ފަރާތުގެ މަޢުލޫމާތު) މިނިސްޓްރީއަށް ފޮނުވަންވާނެ ކަމަށެވެ. އަދި (ބ) ގައި ބުނެފައިވަނީ މި މާއްދާގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވާފައި ނުވާނަމަ، އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ބިން ދޫކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓައިލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
ގަވާއިދަށް ގެނައި އިސްލާހުތަކާއެކު މީގެ ފަހުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ބިންތައް ދަނޑުވެރިކަމަށް ވެސް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް ދޫކުރާ އިރު، ކަމާބެހޭ މިނިސްޓްރީގެ ހުއްދައެއް ނުވަތަ މުއާމަލާތެއް ކުރާކަށް ނުޖެހޭނެއެވެ.