ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 16:22
އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކް
އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކް
ކުޅިވަރާ ބެހޭ ވުޒާރާ
ފަތާ ޓްރެކްގެ މަސައްކަތް
އައްޑޫ ސިޓީ ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށައިފި
ފޭދޫ ފަތާ ޓްރެކްގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 763،700 ރުފިޔާ ޚަރަދުކޮށްފައި
މީގެ ކުރިން ވަނީ ކުޅުދުއްފުއްޓާއި، ދިއްދޫ އަދި މީދޫގެ ފަތާ ޓްރެކުތައް ނިންމާލާފައި

ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅަމުންދާ ފަތާ ޓްރެކްތަކުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކްގެ މަސައްކަތް ނިމި ބޭނުން ކުރަން ފަށައިފިއެވެ.

ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔައިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 763،700 (ހަތްލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ) ރުފިޔާ ޚަރަދުކޮށްފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފޭދޫ ފަތާ ޓްރެކްގެ މަސައްކަތަށް ދިމާވި ހުރަސްތަކަށްފަހު މަސައްކަތް އެއްކޮށް ނިންމާލެވުނީތީ އުފާކުރާ ކަމަށެވެ. އަދި ވަނީ މި މައްސައްކަތަށް ސްވިމިންގ އެސޯސިއޭޝަނާއި، އައްޑޫ ޕޮލިހާއި، އައްޑޫ ސިޓީ ކައުންސިލާއި، ޔޫތު ސެންޓަރާއި، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދުގެ އިތުރުން އެ ސިޓީގެ ޒުވާނުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކް އެޅުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަނީ ސްވިމިންގ އެސޯސިއޭޝަނާ ގުޅިގެންނެވެ. މީގެ ކުރިން ވަނީ އައްޑޫ ސިޓީ މީދޫ އާއި، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގެ ފަތާ ޓްރެކްތައް ނިންމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް