ފާއިތުވީ އަހަރުތަކާ އަޅާބަލާއިރު 2016 ވަނަ އަހަރަކީ ރެކޯޑް މިންވަރަކަށް ޝަރުއީ ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން ނެރުނު ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓް 2016 ގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ކޯޓްތަކަށް 20،000 އަށް ވުރެ ގިނަ މައްސަލަ ކޯޓްތަކަށް ހުށަހެޅިފައިވެއެވެ.
ޑީޖޭއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް 14 ޕސެންޓް އިތުރުވެގެން ގޮސްފައި ވެއެވެ. އެގޮތުން 17،712 މައްސަލަ 2015 ވަނަ އަހަރު ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 20،188 މައްސަލަ 2016 ވަނަ އަހަރު ދަށުކޯޓުތަކަށް ހުށަހެޅިފައި ވެއެވެ. މިއީ 2،476 މައްސަލައިގެ އިތުރުވުމެއްކަން ޑީޖޭއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ސުޕީރިއަރ ކޯޓުތަކަށް އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް 2016 ވަނަ އަހަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން ސުޕީރިއަރ ކޯޓުތަކަށް 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކާ އަޅާކިޔާއިރު، 2016 ވަނަ އަހަރު 21 ޕަސެންޓް މައްސަލަ އިތުރަށް ހުށަހަޅާފައި ވެއެވެ. ސުޕީރިއަރ ކޯޓުތަކަށް 2015 ވަނަ އަހަރު ހުށަހަޅާފައިވަނީ 6،826 މައްސަލަ އެވެ. އަދި 2016 ވަނަ އަހަރު ހުށަހަޅާފައިވަނީ 8،278 މައްސަލައެވެ. މިއީ 1،452 މައްސަލައިގެ އިތުރުވުމެކެވެ
މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރު، 2015 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ނުވަ ޕަސެމްޓް އިތުރުވެފައި ވެއެވެ. އެގޮތުން 2015 ވަނަ އަހަރު 10886 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި 11،910 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހަޅާފައި ވެއެވެ. މިއީ 1،024 މައްސަލައިގެ އިތުރުވުމެކެވެ.
ހުށަހެޅުނު މައްސަލަތަކެކޭ އެއްގޮތަށް، 2016 ވަނަ އަހަރަކީ ރެކޯޑު މިންވަރަކަށް ކޯޓުތަކުން މައްސަލަތައް ނިންމި އަހަރެކެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ތާރީޚުގައި 20،000 އަށް ވުރެ ގިނައިން ފުރަތަމަ ފަހަރަށް ކޯޓުތަކުން މައްސަލަތައް ނިންމާފައި ވެއެވެ.
ޑީޖޭއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 އަހަރާ އަޅާކިޔާއިރު، 2016 ވަނަ އަހަރު ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު %7 އިތުރުވެފައިވެއެވެ. އެގޮތުން 19،372 މައްސަލަ ދަށު ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 20،698 މައްސަލަ ދަށު ކޯޓުތަކުން ނިންމާފައި ވެއެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 1،326 މައްސަލައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގައި ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރު ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދަށް ވުރެ %12 އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 7،202 މައްސަލަ ސުޕީރިއަރ ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 8،081 މައްސަލަ ސުޕީރިއަރ ކޯޓުތަކުން ނިންމާފައިވެއެވެ. މިއީ 879 މައްސަލައިގެ އިތުރު ވުމެކެވެ
މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދަށް ބަލާއިރު، 2016 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކުން %4 އިތުރަށް މައްސަލަ ނިންމާފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 12،170 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާފައިވާއިރު، 2016 ވަނަ އަހަރު 12،617 މައްސަލަ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާފައި ވެއެވެ. މިއީ 447 މައްސަލައިގެ އިތުރު ވުމެކެވެ.
މިދިޔަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު، 2015 ވަނަ އަހަރުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކާ އަޅާބަލާއިރު %7 މައްސަލަ މަދުކުރެވިފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން 2015 ވަނަ އަހަރު ދަށު ކޯޓުތަކުގައި 7،177 މައްސަލަ ނުނިމި ހުރިއިރު، 2016 ވަނަ އަހަރު މި އަދަދު ވަނީ 6،668 މައްސަލައަށް މަދު ކުރެވިފައެވެ. މިއީ، 2015 އަހަރާ އަޅާ ބަލާއިރު، 509 މައްސަލައިގެ މަދުވުމެކެވެ.
ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ސުޕީރިއަރ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކަށް ވުރެ، 2016 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު %6 އިތުރުވެގެން ގޮސްފައިވެއެވެ. ސުޕީރިއަރ ކޯޓުތަކުގައި 2015 ވަނަ އަހަރުގެ ނިޔަލަށް 3،429 މައްސަލަ ނުނިމި ހުއްޓެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު ވަނީ 3،627 މައްސަލައަށް އިތުރުވެފައެވެ. މިއީ 198 މައްސަލައިގެ އިތުރުވުމެކެވެ. 2016 ވަނަ އަހަރުގައި ސުޕީރިއަރ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެފައިވަނީ 2016 ވަނަ އަހަރުގެ ފަހު ތިންމަސްދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ގިނަ އަދަދަކަށް ކުރިމިނަލް ކޯޓަށް މައްސަލަތައް ހުށަހެޅުމާ ގުޅިގެންކަން ފާހަގަ ކުރެވިފައިވެއެވެ.
މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކަށް ބަލާއިރު، 2015 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު %19 މައްސަލަ މަދު ކުރެވިފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގައި މެޖިސްޓްރޭޓު ކޯޓުތަކުގައި 3،748 މައްސަލަ ނުނިމި ހުރިއިރު، 2016 ވަނަ އަހަރު މެޖިސްޓްރޭޓު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 3،041 މައްސަލައަށް މަދުކުރެވިފައި ވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 707 މައްސަލައިގެ މަދުވުމެކެވެ.