ޓޮމްސްކް އެއާރޕޯޓް ކެފޭއިން އިން ބުއި ސައިތަށްޓަކަށް ޒަހަރު އެޅުމުގެ ސަބަބުން ކޯމާގައި އޮތް ރަޝިއާގެ އިދިކޮޅު ލީޑަރ އެލެކްސޭ ނަވާލްނީ ފަރުވާއަށް ޖަރުމަނުވިލާތަށް ފުރުވާލައިފިއެވެ.
ނަވާލްނީގެ ސްޕޯކްސްވުމަން އާއި ހަވާލާދީ ބައިނަލްއަގްވާމީ މިޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ރަޝިއާގެ އޮމްސްކް ސިޓީއިން ޖަރުމަނުވިލާތުގެ ވެރިރަށް ބާރލިންއަށް ދަތުރު ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނުދުނު އެ ގައުމުގެ ގަޑިން 8:00 ގައެވެ. ރަޝިއާގެ ލީޑަރ ވްލަޑިމިއަރ ޕުޓިން ގެ ސަރުކާރާއި، ކޮރަޕްޝަންއާއި ދެކޮޅަށް އަޑުއުފުލައި ގިނަ ބައެއްގެ ތާއިދު ހޯދާފައިވާ އެލެކްސޭ، ގަސްތުގައި މަރާލަން ރަޝިއާ ސަރުކާރު އަޑީގައި އޮވެ ޒަހަރު ދިން ކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ބައިނަލްއަގްވާމީ މީޑއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ކޯމާއަކަށް ދިޔައީ އޭނާ ބުއި ސައިތަށްޓަކަށް ޒަހަރު އަޅާފައިވާތީއެވެ. އެލެކްސޭގެ ހާލު ގޯސްވީ ޓޮމްސްކް ސިޓީއިން މޮސްކޯސިޓީއަށް ކުރި ދަތުރުގައެވެ. އެ އާއި އެކު ދަތުރު ފެށުމުގެ ކުރިން ޓޮމްސްކް އެއާރޕޯޓްގައި އެލެކްސޭ ސައިތައްޓެއް ބޯން އިން ފޮޓޯއެއް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
ބުރާސްފަތި ދުވަހު މި ހާދިސާހިނގި އިރު، އާއިލާއާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، އެލެކްސޭގެ ފަރުވާ ލަސްކުރުމަށް ރަޝިއާ ސަރުކާރުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން، އާއިލާގެ ފަރާތުން އެދިގެން ޖަރުމަނު ވިލާތުން، ސިއްހީ ފަރުވާ ދިނުމަށް އެޑްވާންސް އިކިއުޕްމަންޓްސްތަކާއި، ހާއްސަ ޑޮކްޓަރަކާއި އެކު ހުކުރު ދުވަހު ފްލައިޓެއް އައުމުންވެސް ދަތުރުކުރުމުގެ ހުއްދަ ދީފައި ނުވެއެވެ.
އޭނާގެ ހާލު ގޯސްވަމުން ދިޔަ ނަމަވެސް އިތުރު ފަރުވާއަށް އެހެން ގައުމަކަށް ފޮނުވުމަށް ހުއްދަ ދީފައި ނުވާއިރު، 24 ގަޑިއިރުގެ އަރާރުންތަކާއި މަަޝްވަރާތަކަށް ފަހު ޑޮކްޓަރުން ވަނީ އޭނާ ދަތުރުކުރުމަށް ހުއްދަދީފައެވެ. އަދި، ރަޝިއާގެ ޑޮކްޓަރުން ވަނީ އެލްކްސޭއަށް ޒަހަރު ނުވަތަ ވިހަގަދަ އެއްވެސް އެއްޗެއް ދީފައިވާކަމުގެ ހެއްކެތް ނެތްކަމަށް ބުނެފައެވެ. ފަރުވާއަށް ޖަރުމަނަށް ގެންދިއުން ލަސްކުރީ ހަށިގަނޑުގައި ހުރި ވިހަގަދަ ބާވަތްތައް ޓްރޭސްނުކުރެވޭނެކަން ޔަގީންކުރަންކަންވެސް އިދިކޮޅުން ތުހުމަތު ކުރެއެެވެ.
އަދި ދަތުރުކުރުމަށް ހުއްދަ ދިނީ ބައިނަލްއަގްވާމީ ބޮޑެތި ގައުމުތަކުގެ ޕްރެޝަރާއި އެކު ކަމަށްވެސް ރިޕޯޓުތައް ބުނެެއެވެ. އެލެކްސޭއަށް ފަރުވާދިނުމަށް ހަމަޖެހިފައިވަނީ، ޖަރުމަންގެ ޗެރިޓޭ ހޮސްޕިޓަލުގައެވެ.