ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 02:27
ޔޫރޮޕާ ލީގުގެ ތަށި ސެވިއްޔާއިން ހަވަނަ ފަހަރަށް އުފުލާލަނީ
ޔޫރޮޕާ ލީގުގެ ތަށި ސެވިއްޔާއިން ހަވަނަ ފަހަރަށް އުފުލާލަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ސެވިއްޔާއިން ހަވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
ފައިނަލް މެޗުން ސެވިއްޔާ މޮޅުވީ އިންޓަ އަތުން 3-2 ގެ ނަތީޖާއަކުން
ޔޫރޮޕާ ލީގު ހަވަނަ ފަހަރަށް ސެވިއްޔާއިން ކާމިޔާބުކުރިއިރު، ސެވިއްޔާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު

އިންޓަ މިލާން ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ސެވިއްޔާއިން ހޯދައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުއާޓާފައިނަލުން ފެށިގެން ޔޫރޮޕާ ލީގުގެ މެޗުތައް ޖަރުމަންގައި ކުރިއަށްދިޔައިރު، ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ސެވިއްޔާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ ސެވިއްޔާއިން ޔޫރޮޕާ ލީގު ހަވަނަ ފަހަރަށް ކާމިޔާބުކުރިއިރު، ސެވިއްޔާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އިންޓައިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އޭރިއާ ތެރެއިން ލުކާކޫއަށް ސެވިއްޔާގެ ޑިއޭގޯ ކާލޯސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް ލުކާކޫ ވަނީ މި ސީޒަނުގައި ޖުމްލަ 34 ލަނޑު ހަމަކޮށް، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ހަދާފައިވާ ރިކޯޑަކާ އެއްވަރުކޮށްފައެވެ. އެއީ އިންޓައަށް ކުޅެދިން ފުރަތަމަ ސީޒަނުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން 1997-1998 ވަނަ އަހަރުގެ ސީޒަނުގައި ރޮނާލްޑޯ ހަދާފައިވާ ރިކޯޑެވެ.

ސެވިއްޔާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ 3-2 ން

މި މެޗުގެ ކުރީކޮޅު އިންޓައިން ލީޑު ނެގި ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން ސެވިއްޔާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ހެސުސް ނަވާސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޯންއެވެ.

އަދި މެޗުގެ 33 ވަނަ މިނެޓުގައި އެވާ ބަނޭގާ ހުރަސްކޮށްދިން ބޯޅައަކުން ޑި ޔޯން ވަނީ ސެވިއްޔާއަށް ލީޑު ނަގާދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މާސެލޯ ބްރޮޒޮވިޗްގެ އެހީއާއެކު ޑިއޭގޯ ގޮޑިން ވަނީ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސެވިއްޔާއިން އަލުން ލީޑު ނެގީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޯވަހެޑް ކިކަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ކާލޯސްއެވެ.

މި މޮޅާއެކު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސެވިއްޔާއިން ވަނީ އެއްވެސް މުބާރާތެއްގައި މެޗަކުން ބަލިނުވެ 21 މެޗު ހަމަކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރު ސެވިއްޔާއާ ހަވާލުވި ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސެއްވިޔާއިން ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް