ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުމަށާއި، ސިޔާސީ ކުށްވެރިން މިނިވަންކޮށްދެއްވުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު މިއަދު ވެސް އިސްލާމީ މަރުކަޒުގައި ދުއާކޮށްފި އެވެ.
އެމްޑީޕީ އިސްވެ އޮވެ، ހުކުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ދުއާކުރަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2015 ވަނަ އަހަރު ހައްޔަރުކުރުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ ހުކުރު ދުވަހެއްގައި ވެސް ދުއާ ކުރަމުން ގެންދެ އެވެ. ނަމަވެސް ދުއާކުރާ މަންޒަރު ޓީވީން ލައިވްކުރުން ހުއްޓުވަން ފެށުމާއި ދުއާކުރަން ތިބޭ މީހުން ހައްޔަރުކުރުމާ ގުޅިގެން، ދުއާގައި ބައިވެރިވާ މީހުން ފަހަކަށް އައިސް މަދުވެގެން ދިޔަ އެވެ.
ނަމަވެސް، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން، މި ދުއާގައި ބައިވެރިވާ މީހުން އަނެއްކާ ވެސް އިތުރުވެގެން ދިޔަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ސީޔާސީ އެހެން ގިނަ ފަރާތްތަކެއް ވެސް މި ވަގުތު ތިބީ ޖަލުގައެވެ. އަދި އެންމެ ފަހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލި ގާސިމް އާއި ކިނބިދޫ ދާިއރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.