ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ކުރިޔަށް ގެންދިޔަ ސިޔާސީ އެއްވުމާ ގުޅިގެން އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އައު ކްލަސްޓަރ އެއް ފެނިފައިވާތީ ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސިއްހީ އޮފިޝަލުން ދެއްވައިފި އެވެ.
އެގައުމުގެ ކޮންޒަރވޭޓިވް ގްރޫޕްތައް އެއްވެގެން ކުރިޔަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާއިރު ގިނައީ ޗަރޗްތަކުގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ. އެހެންކަމުން ރެލީގައި ބައިވެރިވި ގިނަ ބަޔަކު ވައިރަސް ބޮޑަށް ފެތުރުމުގެ ކުރިން ޓެސްޓް ކުރުމަށް އޮފިޝަލުން ވަނީ ގޮވާލައްވާފައެވެ.
ކޮރެއާ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ) އިން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ 324 މީހަކަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. ބުރާސްފަތި ދުވަހު އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި އަދަދަކީ މަރޗް މަހުގެ 8 ވަނަ ދުވަހުގެ ފަހުން އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 16،670 ށް އަރާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ވައިރަސް ހެލްތު މިނިސްޓަރ ކިމް ގެންގް ލިޕް ވިދާޅުވީ މިހާރުގެ ހާލަތަކީ ވަރަށް ސީރިއަސް ހާލަތެއްކަމަށެވެ.
ދެކުނު ކޮރެއާ ސަރުކާރުން އަންނަނީ މިއެއްވުމުގައި ބައިވެރިވި ހުރިހާ އެންމެންގެ ނަންތައް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި އެއްވުމުގައި ބައިވެރިވި މީހުން ގޮވައިގެން ދަތުރުކުރި އުޅަނދުތައް ދުއްވި މީހުން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އަލަށް ކޭސްތައް ފެނުމާއެކު އެކަން ބަލަމުން އަންނަ ސިއްހީ އިންވެސްޓިގޭޓަރުންނާއި ފުލުހުން ބުނެފައިވަނީ މިހާތަނަށް އައިއިރު 12،000 މީހުންގެ ފޯނުން އެސަރަހައްދުގައި އުޅުނުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން އެއްވުމުގައި ބައިވެރިވި ހުރިހާ އެންމެންގެ ލިސްޓު ދިނުމަށް ޗަރޗަށް ބާރުއަޅަމުންދާ ކަމަށް ކިމް ވިދާޅުވި އެވެ.
ދެކުނު ކޮރެއާއަކީ ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމުގައި ޓެސްޓް ކުރުމާއި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް އަނެއްކާވެސް ވައިރަސް ފެތުރުން ފެށުމާއެކު އެގައުމުގެ އޮފިޝަލުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގޮތްތަކެއް ހޯދަމުންނެވެ. އެގޮތުން ކޮންޓެކްޓް ވެފައިވާ މީހުން އަމިއްލައަށް ޓެސްޓްކުރުމަށް އަދި އައިސޮލޭޓް ވުމަށް އޮފިޝަލުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މީގެއިތުރުން ސޯލް ހިމެނޭ ސަރަހައްދުގައި އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށާއި ބޮޑެތި އެއްވުންތައް ނުބޭއްވުމަށާއި، ޗަރޗް ގައި ބާއްވާ ބައްދަލުވުންތައް ނުބޭއްވުމަށާއި ނައިޓް ކްލަބްތަކާއި ރޭގަނޑު ބާއްވާ އެކިކަހަލަ ހަރަކާތްތައް ނުބޭއްވުމަށް ސަރުކާރުން ވަނީ އަންގާފައެވެ.
ދެކުނު ކޮރެއާގެ ޑޮކްޓަރުން އަންނަނީ އެގައުމުގެ ޑޮކްޓަރުން އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އެގައުމުގެ ސަރުކާރުން ބުނަމުން އަންނަނީ ކުރިޔަށް އޮތް 10 އަހަރު ތެރޭ 4000 ށް ވުރެ ގިނަ ޑޮކްޓަރުން ތަމްރީން ކުރާނެކަމަށެވެ. އެއީ މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
ނަމަވެސް ކޮރެއާގެ މެޑިކަލް އެސޯސިއޭޝަނުން ބުނަމުން އަންނަނީ ދެކުނު ކޮރެއާގައި މިހާރުވެސް އެގައުމުގެ އާބާދީއަށް ވާވަރަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާނެ މީހުން އެބަތިބި ކަމަށެވެ.