ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 17:58
ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް
ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް
ރާއްޖެއެމްވީ
ޕެޓްރޯލް ޝެޑްތައް
އެފްއެސްއެމް 2 އަދި އެފްއެސްއެމް 4 އީޒީފިލް އިން ނަގުދު ފައިސާ ވެސް ބަލައިގަންނާނެ
ނަގުދު ފައިސާ ބަލައިގަންނަން ނިންމީ ކަސްޓަމަރުންގެ ޝަކުވާތަކާއި ގުޅިގެން
އެފްއެސްއެމް އިން މިވަގުތު މާލެސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުންދޭ
އަމާޒަކީ ސެލްފް ސަރވިސް ޝެޑްތަކެއް ޤާއިމުކުރުން

ކާނިވާ ކައިރީގައި ހުންނަ އެފްއެސްއެމް 2 އަދި އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެފްއެސްއެމް 4 އީޒީފިލް އިން މިހާރު ނަގުދު ފައިސާ ވެސް ބަލައިގަންނާނެ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނެފިއެވެ.

އެފްއެސްއެމް 2 އަދި އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެފްއެސްއެމް 4 އީޒީފިލް އިން ދާދިފަހުން ވަނީ ކޭޝްލެސް ހިދުމަތް ދޭން ފަށާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިއުލް ސަޕްލައިސްގެ ސޭލްސް އެޗްއޯޑީ މުހައްމަދު ސައީދު ވިދާޅުވީ ނަގުދު ފައިސާ ބަލައިގަންނަން ނިންމީ ކާޑުން ފައިސާ ކެނޑުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތާކައި ހެދި ކަމަށެވެ. އަދި މިވަގުތު މިކަން ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ބަލަމުންދާ ކަަމަށާއި ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ދިމާވުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ޝަކުވާ އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ނަގުދު ފައިސާ ބަލައިގަންނަން ނިންމީ މެނޭޖްމަންޓާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ސައީދު ވިދާޅުވީ އެފްއެސްއެމް އިން މި އަހަރު އަމާޒު ހިފީ މާލެ ސިޓީގައި ހުރި ޕެޓްރޯލް ޝެޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ޝެޑަކީ ސެލްސް ސަރވިސް ޝެޑަށް ހެދުން ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅިގެން ދިޔައީ މުޅި ދުނިޔެއަށް ވެސް މި ދިމާވި އެންމެ ބޮޑު ޕެންޑަމިކްގެ ސަބަބުން ކަމަށާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ޝެޑްގެ ސެޓަޕް ވެސް ހަދާފައިވާނީ ކޭޝް ލެސްކޮށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޝެޑަށް ބޭނުންވާ ސާމާނު (ސޮފްޓްވެއަރ އިންސްޓޯލް ކުރުމާއި ކާޑް ރީޑަރ ހަރުކުރުން) ލިބިއްޖެނަމަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެގޮތަށް ޝެޑް ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެފްއެސްއެމް އިން މިވަގުތު މާލެ ސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުން އަންނައިރު ވިލިމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަމުންދެއެވެ.

- ކޮމެންޓް