ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 18:29
ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަނީ
ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަނީ
ދި ގާޑިއަން
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިނާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯއިން އެ ގައުމާއެކު މަޝްވަރާ ކުރަނީ
އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރަޝިޔާއިން ވަނީ ވެކްސިން ރަޖިސްޓްރީކޮށްފައި
މިވެކްސިން އިތުރަށް ޓެސްޓްކުރުމަށް އަންނަ ހަފްތާގައި 40،000 މީހުންނަށް ދިނުމަށް ހަމަޖެހިފައިވޭ
ޑަބްލިޔުއެޗްއޯއަށް ބޭނުންވާ މައުލޫމާތު ހޯދަމުން އެމައުލޫމާތުތައް އަންނަނީ ދިރާސާކުރަމުން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާ ގުޅޭ މައުލޫމާތު ހޯދުމަށް އެ ގައުމާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެންމެ ފުރަތަމަ ވެކްސިނެއް ރަޖިސްޓްރީކޮށް އެ ބޭނުން ކުރަން ފަށާފައިވާކަން ހާމަ ކުރި ގައުމަކީ ރަޝިޔާއެވެ. އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ އެކަން އިއުލާން ކުރައްވާފައެވެ.

"ސްޕޮޓްނިކް ވީ"ގެ ނަން ދީފައިވާ މި ވެކްސިން އިތުރަށް ޓެސްޓް ކުރުމަށް އަންނަ ހަފްތާގައި 40،000 މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާ އިން ވަނީ ބުނެފައެވެ. ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓެސްޓިންގ މަރުހަލާ ކުރިޔަށް އޮއްވާ ވެކްސިން ރަޖިސްޓްރީ ކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް ވަނީ އަމާޒުވެފައެވެ. ވެކްސިން ރަޖިސްޓްރީ ކުރުމަށް ތިން ވަނަ ފޭސްގައި އެތައް ހާސް ބަޔަކަށް ވެކްސިން ދީގެން އެތައް މަސްދުވަހަކަށް ބަލަން ޖެހެއެވެ. ނަމަވެސް ރަޝިޔާއިން ވެކްސިން ރަޖިސްޓްރީ ކޮށްފައިވަނީ އެ މަރުހަލާ ފުރިހަމަ ނުކޮށެވެ. ރަޝިޔާއިން ބުނެފައިވަނީ ވެކްސިނަކީ ކާމިޔާބު ވެކްސިނެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ވައިރަސް އިން ދިފާއުވުމުގެ ބާރު މި ވެކްސިން އިން ލިބޭ ކަމަށް ރަޝި ޔާއިން އަންނަނީ ބުނަމުންނެވެ.

40،000 މީހުން ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާ ރަޝިޔާއިން ފެށުމަށް ތައްޔާރުވަމުން އަންނައިރު ޓެސްޓްތައް ހަދަމުންދާ ގޮތް ބަލަމުންދާނީ އެހެން ގައުމެއްގެ ބަޔެއް ކަމަށް މައުލޫމާތު ލިބިއެވެ.

ޑަބްލިޔުއެޗްއޯ/ޔޫރަޕްގެ ސީނިއަރ އެމަރޖެންސީ އޮފިޝަލް ކެތްރިން ސްމޯލްވުޑް ވިދާޅުވީ ރަޝިޔާއިން ވެކްސިން އުފެއްދި ގޮތާއި އެކި މަރުހަލާތަކުގައި ކަންކަން ކުރަމުން އައި ގޮތުގެ މައުލޫމާތުތައް ބަދަލު ކުރަމުންދާ ކަމަށެވެ. މިކަމުގައި ޑަބްލިޔުއެޗްއޯއަށް ބޭނުންވާ މައުލޫމާތު ހޯދަމުން އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށް ކެތްރިން ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯ/ޔޫރަޕްގެ ޑިރެކްޓަރ ހެންސް ލުގް ވިދާޅުވީ ޑަބްލިޔުއެޗްއޯއިން ވެކްސިން އުފެއްދުމަށް މަރުޚަބާ ކިޔާ ކަމަށާއި ނަމަވެސް ހުރިހާ ވެކްސިނެއް އުފައްދަން ވާނީ އެ އޮންނަ ޕްރޮސީޖަރގެ ތެރެއިން ކަމަށެވެ.

ރަޝިޔާ އިން ބުނެފައިވަނީ ވެކްސިންގެ އެއް ބިލިއަން ޑޯޒު ގަތުމަށް 20 ގައުމަކުން އޯޑަރު ލިބިފައިވާ ކަމަށެވެ.

- ކޮމެންޓް