ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 18:12
ލިއޮނެލް މެސީ އާއި ޔާޔާ ޓޫރޭ އެކުގައި
ލިއޮނެލް މެސީ އާއި ޔާޔާ ޓޫރޭ އެކުގައި
ގެޓީ އިމޭޖަސް
މެސީ ހޯދުމަށް ސިޓީން މަސައްކަތް ކުރުން
ސިޓީގެ ޖާޒީގައި މެސީ ފެނުން އެއީ ނުވާނެ ކަމެއް ނޫން: ޓޫރޭ
މެސީ ހޯދުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އެކަން ކުރަން ސިޓީ އޮތީ ތައްޔާރަށް
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި

ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވުން އެއީ ނުވާނެ ކަމެއް ނޫން ކަމަށް ސިޓީގެ ލެޖެންޑް ޔާޔާ ޓޫރޭ ބުނެފިއެވެ.

އަންނަ ހޫނު މޫސުމުގައި ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވަން އޮތް ނަމަވެސް، މީގެ ކުރިން މީޑިއާތަކުން ވަނީ މި ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން މެސީ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ ބާސާގައި ކުރިމަގެއް ނެތް ކަމަށް މެސީ އެ ކުލަބުގެ ކޯޗުގެ މަގާމާ ބުދަ ދުވަހު ހަވާލުވި ރޯނާލްޑް ކޫމަން ގާތުގައި ބުނެފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މެސީ ބާސާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ގަދަވެފައިވާއިރު، ކުރިން މެސީ އާއެކު ބާސާއަށް ކުޅުނު ޔާޔާ ޓުރޭ ބުނީ ސިޓީއަށް މެސީ ބަދަލުވުން އެއީ ދުރު ކަމެއް ކަމަށާއި، އެކަމަކު އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މެސީ އަކީ ބާސާ ދެކެ ލޯބިވާ ކުޅުންތެރިއެއް ކަމަށާއި، އަދި ބާސާއާއެކު މިހާ ދުވަސް އޭނާ ހޭދަކޮށްފައިވަނީ އެ ކުލަބުން މެސީ އެދޭ ގޮތަށް އެތައް ކަމެއް ކޮށްދީފައިވާތީ ކަމަށްވެސް ބުންޏެވެ.

ޓޫރޭ އިތުރަށް ބުނީ ބާސާ ދޫކޮށް އެހެން ކުލަބަކަށް މެސީ ބަދަލުވާނަމަ، އެ ކުލަބަކަށް ވާނީ ސިޓީ ކަމަށާއި، އެއީ ސިޓީ އަކީ މެސީ ގަތުމަށް ޚަރަދު ކުރެވޭނެ އަދި ރަނގަޅު ކޯޗެއް އިރުޝާދުދެމުން ގެންދާ ކުލަބަކަށް ވުމުން ކަމަށެވެ. އަދި ސިޓީގައި މިވަގުތު އޮތް ސްކޮޑަކީ ނަތީޖާ ނެރެވޭނެ ސްކޮޑެއް ކަމަށާއި، ސިޓީއަށް މެސީ އައުން ވެގެންދާނީ ސިޓީން އެހެން ހަރުފަތަކަށް ދިޔުމަށް އެޅޭނެ ފިޔަވަޅެއް ކަމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ސިޓީން މެސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައިވާއިރު، މެސީ ހޯދުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އެކަމަށް ސިޓީ ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ބާސާއިން އަންނަނީ މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން މަސައްކަތް ކުރަމުންނެވެ. އަދި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް