ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އިންތިޒާމް ކޮށްގެން ބޭއްވި ވާޒުއަލް ރިސެޕްޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނު ބަހުރުވައިން ވާހަކަ ދައްކައްވައިފިއެވެ.
ހުކުރު ދުވަހު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި ޖަޕާން އަކީ މުހިންމު ހިއްސާދާރެއް ކަމަށެވެ.
އެގޮތުން ތަރައްގީގެ ގިނަ މަޝްއޫރުތަކާއި ދިމާވާ އެކި ހާލަތްތަކުގައި އަބަދުވެސް ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބޭކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ތައުލީމީ ދާއިރާއިން ގިނަ އެހީތެރިކަން ލިބޭއިރު، ސްކޫލުތައް އެޅުމުގައި ޖަޕާނުން އެހީވާ ކަމަށެވެ.
މާލެ ވަށާ ބޮޑު ހިލަ ޖެހުމުގެ މަޝްރޫއު ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރިއަށް އޮތްތާނގައި ވެސް ގިނަ މަޝްރޫއުތައް ދެ ގައުމުން ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ޖަޕާނަކީ ޒަމާނުއްސެރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ޖަޕާންގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައި އިތުރަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ސަރުކާރުން ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ގައުމުތަކާ އޮންނަ ގުޅުން ދަމަހައްޓައި ވަރުގަދަ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާ ކަމަށެވެ.