އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ވަކި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ފަރާތުން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ވެބިނަރ އެއް ބާއްވައިފިއެވެ.
މި ވެބިނަރގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޒިޔާން އަބްދުއްރަހީމްގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގެ ފަރާތުން އެސިސްޓެންޓް އިންޖިނިއަރ އިނާޔާ އަބްދުއްރަހީމް ގެ އިތުރުން މި ޕްލޭން އެކުލަވާލުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ ފަރާތުން 'ޕްލާސްޓިކް ނޫން ގޮތެއް'ގެ ފައުންޑަރ ހުދާ އަހުމަދު އަދި ޕާލޭ މޯލްޑިވްސްގެ ޑައިރެކްޓަރ ޝާހީނާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕްލޭންގެ ދަށުން ދިވެހިރާއްޖޭގައި ރީސައިކްލީން ފެސިލިޓީ އެއް ޤާއިމު ކުރެވިގެން ދާނެ ކަމަށާއި މި ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކް ގެ ބޮޑުބައެއް ރީސައިކަލް ކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ފެސިލިޓީ ޤާއިމު ކުރެވިގެންދާނީ ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ޕްލޭންގެ ދަށުން ހިންގޭ ހޭލުންތެރި ކަމުގެ ޕްރޮގްރާމު ތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި މަދަނީ ޖަމްއިއްޔާތައް ބައިވެރިވުމަށް ހިތްވަރުދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްލޭންގެ ފުރަތަމަ ދެލި ކޮޕީ ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް މިޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފަހު ތާރީޚަކީ 30 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ޕްލޭނަށް ޚިޔާލު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ[email protected]އަށެވެ.
ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ވަނީ ނިންމަވާފައެވެ. މިކަން އިޢުލާން ކުރެއްވީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.
އެގޮތުން، މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ޑްރާފްޓް ކުރެވިފައިވާ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވުނު މި ވެބިނަރ ގައި ޒޫމް މެދުވެރިކޮށް 50ށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާ އާއި ބިނާ ކުރުވަނިވި ޚިޔާލު ހޯދައިގެންނެވެ. އަދި ގުޅުން ހުރި ފަރާތްތައް ޝާމިލުވާ ގޮތަށް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ 10 ބޭފުޅުންގެ ކޮމިޓީ އެއްގެ ލަފާ މަތިންނެވެ.
މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ 27 ޖޫން 2019 ގައި ޤަރާރެއް ވެސް ފާސްކޮށްފައެވެ.
ދިރާސާތަކުން ދައްކާ ގޮތުން ދިވެހިރާއްޖޭގައި އުފެދޭ ކުނީގެ 10 އިންސައްތަ އަކީ ޕްލާސްޓިކު ކުންޏެވެ. އަދި ޕްލާސްޓިކު ކުނީގެ ތެރެއިން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކަކީ ރާއްޖޭގެ ނާޒުކު ދިރުންތަކާއި ގުދުރަތީ ރީތި ކަމަށް ހުރި ނުރަކައްލެކެވެ.