ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވި މިވަގުތު 359 މީހުން އެބަތިބި ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ލަސްތައް ކުރިމަތިވާ ތަފާތު ސަބަބުތައް އެބަހުރި ކަމަށެވެ.
އެގޮތުން އެމީހުން އަމިއްލައަށް ފެސިލިޓީތަކަށް ދިއުމަށް ދެކޮޅު ހަދާތީ ލަސްތައް ކުރިމަތިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވި 359 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން 85 މީހުންނަކީ ފެސިލިޓީތަކަށް ދިއުމަށް ދެކޮޅު ހަދާތީ ނުގެންދެވިފައިވާ މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ބަލާނަމަ މިއަދު ހަވީރު 5:00 ހަމައަށް އިއްޔެއިންސުރެން، ފެސިލިޓީ މޫވްމަންޓުތަކަށް ބަލާލައިފިނަމަ 185 ފަރާތެއް މި އިންނަނީ މޫވް ކުރަން ޖެހިފައި. އޭގެ ތެރެއިން ޕެންޑިންއަށް ބަލާނަމަ 359 ފަރާތެއް އެބަވޭ މޫވް ކުރަން ޖެހިފައި. މި ނަންބަރުގެ ތެރޭގައި އެބަ ހިމެނޭ 85 ރެފިއުޒާސް، 15 ފަރާތެއް ފެމިލީގެ ނަތީޖާ އައީމަ ނޫނީ ނުދާން އަދި 14 ފަރާތެއް އެބަވޭ ރެސްޕޯންޑް ނުކޮށް. މީގެ އިތުރުން 22 ފަރާތެއް ވޭ އަޅުގަނޑުމެންނަށް ނުގެންދެވިފައި. މާނަ އަކީ އަޅުގަނޑުމެންގެ ތުރޫ ޕެންޑިންގައި ތިބީ 22 މީހުންނޭ.އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންދެވި މިވަގުތު 359 މީހުން ތިބިކަން އެޗްއީއޯސީން ފާހަގަކޮށްފައިވާއިރު، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައިސޮލޭޓް ކުރުމުގައި ހައިރިސްކް މީހުންނަށް އިސްކަންދޭ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ބަލަނީ ސީދާ ޕޮޒިޓިވްވާ މީހާ އެއީ ހައިރިސްކު މީހެއްތޯ ކަމަށާއި، އެހެން ކަމަށްވާނަމަ އެމީހަކު އައިސޮލޭޓްކުރަން އިސްކަންދޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އިސްކަންދޭ ގޮތް ކަނޑައަޅަނީ ޕޮޒިޓިވްވާ މީހުންގެ ގޭގެއަށް ގޮސް އެސެސްމެންޓެއް ހެދުމަށް ފަހުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.