ރާއްޖޭގައި 15،000 ޕީސީއާރު ޓެސްޓު ކިޓް އެބަހުރި ކަމަށާއި، އިތުރު ކިޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް 15000 ޓެސްޓިން ކިޓް އެބަހުރި ކަމަށާއި، ކިޓަކުން ގާތްގަނޑަކަށް 200 ވަރަކަށް ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ވިދާޅުވީ ސްޓޮކުގައި ހުރި ކިޓްތަކުގެ އިތުރުން ކޮންމެވެސް ވަރަށް ހޮސްޕިޓަލުގައި ވެސް ކިޓުތައް ހުންނާނެ ކަމަށެވެ.
އިތުރު ޓެސްޓު ކިޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި 10،000 ކިޓް ލިބޭނެ ކަމަށެވެ.
ޓެސްޓު ކިޓަކުން އެންމެ ޓެސްޓެއް ނޫން އެނގޭތޯ ކުރެވެނީއެއް. ކިޓަކުން ގާތްގަނޑަކަށް 200 ޓެސްޓު ކުރެވޭނެ. އެކި ވައްތަރުގެ ކިޓުން އެކި އަދަދަށް މިކުރެވެނީ. މި ކިޓްގެ މާނަ އަކީ ކޮންމެ ކިޓަކީ ޓެސްޓެއް ނޫން. މިހާރު ކުރި ކިޓްތަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ދެހަފްތާވަރު ބޭނުން ކުރެވޭނެ. އަދި ކުރިއަށް އޮތް ހަފްތާގައި އަޅުގަނޑުމެންނަށް 10،000 ކިޓް އެބަ ލިބޭ މިވަގުތު.ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާއިރު ބައްޔާ ގުޅޭ އާލަތްތައް ދުނިޔޭގެ މާކެޓްގައި ލިބެން ހުންނަނީ ވަރަށް ލިމިޓެޑް ކޮށް ކަމަށެވެ. ރާއްޖެއަށް ވެސް ހުސްނުވާ ވަރަށް ސަޕްލައިތައް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޖީން އެކްސްޕާޓް ކާޓްރިޖަކީ ވެސް ދުނިޔޭގައި ވަރަށް ލިމިޓެޑް އެއްޗަކަށް ވުމުން، އެ އެއްޗެހި ބޭނުން ކުރަނީ ވެސް ވަރަށް ބަލައިގެން ކަމަށެވެ.