ފަތުރުވެރިންގެ މެދުގައި މަޝްހޫރު އެއް މަންޒިލްކަމުގައިވާ ބާލީ، މި ސެޕްޓެމްބަރ މަހުގެ ތެރޭގައި ގޮންޖެހުންތަކާއެކު ވެސް ހުޅުވުމަށް ނިންމައިފިއެވެ.
ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ބާލީ ހުޅުވަން ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް ބާލީން ވަނީ ނިންމާފައެވެ. ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހަކީ ބާލީއަށް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަފަ ކުރަމުން އަންނަ ދުވަހެކެވެ. ބާލީގެ އިދާރާތަކުން އުއްމީދު ކުރަނީ އަލުން ބާލީ ހުޅުވާލުމާއެކު މިލިއަނުން ފަތުރުވެރިން އަންނާނެ ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހަކީ ބާލީއަށް ހާއްސަ ދުވަހެއް ކަމުން އެ ރަށުގެ އިދާރާތަކުން އުއްމީދު ކުރަނީ އެހެން އަހަރުތަކޭ އެއްފަދައިން އެ ރަށުގެ ގޮނޑުދޮއްތަކާއި ފައްޅިތަކާއި ހަނޑޫ ދަނޑުތައް އަދި ޔޯގާ ސްޓޫޑިއޯތައް ފުލްވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައިވާ ޓުއަރިސްޓް ހޮޓެލްތައް އަލުން ހުޅުވާ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީއަށް ބަރޯސާވާ މަސައްކަތްތެރިންނަށް އަލުން އާމްދަނީ ލިބެން ފަށާނެ ކަމަށް ދަނީ އުއްމީދު ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން އެތައް މިލިއަން ފަތުރުވެރިންނަށް އަންނަ ބާލީގެ ފަތުރުވެރިކަން ހުއްޓި އެ ދާއިރާގެ މަސައްކަތްތެރިންނަށް ލިބެމުން އައި އާމްދަނީ ފެބްރުއަރީން ފެށިގެން ވަނީ މެދުކެނޑިފައެވެ.
ބާލީގެ ވައިސް ގަވަރުނަރު އަދި އައިލެންޑް ހޮޓެކް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކުރީގެ ޗެއަރޓިއުކާޑޯ އޮކާ އަރތާ އަރދަނާ ސުކަވަތީ ވިދާޅުވީ އަލުން ބާލީ ހުޅުވަން ނިންމާފައިވާ ތާރީހު މުޅިން ޔަގީން ނުކުރާ ކަމަށާއި، އަލުން ހުޅުވާލަން ޖެހެނީ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ އެ ރަށުގެ ފަތުރުވެރިކަމަށް މިހާތަނަސް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، ބާލީގައި ބޮންގޮއްވާލި ދެ ހާދިސާއާއި އަގުންގު އަލިފާން ފަރުބަދަ ގޮވުމަށްވުރެ ވެސް ގެއްލުން ބޮޑު ކަމެއް ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޖުލައި މަހުގައި އެކަނިވެސް ބާލީއަށް އަންނަ ފަތުރުވެރިންގެ އަދަދު 99 އިންސައްތައަށް ދަށްވެގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން 9.7 ޓްރިލިއަން ރުޕިއާ ނުވަތަ 655 މިލިއަން ޑޮލަރުގެ އާންދަނީ ކޮންމެ މަހަކު ނުވަދެ ހުއްޓުނު ކަމަށެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވެގެން ދިޔަކަމަށް ސުކަވަތީ ވިދާޅުވިއެވެ. އަދި އަލުން ފަތުރުވެރިކަން ފަށައިގަންނަ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.
ބާލިއަށް އާމްދަނީ ވަނުން ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް އެ ރަށުގެ ތެރޭގައި ރަށްވެހިންގެ ފަރާތުން ކުރިއަށް އޮތް ފެސްޓިވަލާއި ގުޅިގެން ދަތުރު ފަތުރުކުރުމާއި އާއިލާ ކައިރިއަށް ދިއުމާއި އަދި އެކި ކަންކަމުގައި މަސްއޫލުވާން ފެށުމުން އިގްތިސާދަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރަނގަޅު އަސަރެއް ފެނިގެންދާނެ ކަމަށް ބާލީގެ ކަމާބެހޭ އިދާރާތަކުން ދެކެއެވެ.
ބާލީގައި މިހާތަނަށް 4158 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، 3648 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ރަށުން އެކަނި ވެސް 51 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އޮންޑޮނޭޝިއާގެ ރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ ވެރިރަށް ޖަކާޓާއިންނެވެ. އެ ރަށުން އެކަނިވެސް 30 ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ރަށުން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އިންޑޮނޭޝިއާއަށް ބަލާ އިރު މިހާތަނަށް 145 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. އަދި 98 ހާހަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ގައުމުގައި މިހާތަނަށް ހަ ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.