ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް އޯވަބުކް ވެގެން ކަމަށް ބުނެ ގަދަކަމުން ދަމާފައި ބޭލުވި ފަސިންޖަރު ކޯޓުގައި ދައުވާކޮށް ހެކި ރައްކާކުރުމަށް އެއާލައިންގައި އެދުމަށް އަވަސް ނިޔާއަކަށް އެދެފިއެވެ.
ޑޭވިޑް ޑާއޯ ދަމާފައި ބާލުވާފައި ވަނީ ޗިކާގޯގެ އޮހެއަރ އެއާޕޯޓްގައި އޮތް ފްލައިޓަކުންނެވެ.
އޯވަރ ބުކްވެފައިވާ އެ ބޯޓުން އޭނާ އަނިޔާވެރިކޮށް ބާލުވާފައިވާ ވީޑިއޯ އޮންލައިންގައި ވައިރަލްވި އިރު އެތައް މިލިއަން ބަޔަކު ވީޑިއޯ ބަލާފައި ވެއެވެ.
ޔުނައިޓެޑް އެއާލައިނުން ބުނެފައި ވަނީ އާދީއްތަ ދުވަހު އެ ފްލައިޓުން ދަތުރުކުރި އެންމެންގެ ޓިކެޓް އަގު ރީފަންޑްކޮށްދޭނެ ކަމަށެވެ.
އެއާލައިންގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އޮސްކާ މުނޯޒް މި ހާދިސާއާ ގުޅިގެން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
ޑރ. ޑޭވިޑް ޑާއޯގެ އާއިލާއާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ވަކީލު ބުނީ ހަޅޭއްލަވައި އޮއްވައި އޭނާ ދަމާފައި ފްލައިޓުން ބޭލުންވެގެން ގޮސްފައި ވަނީ ވިއެޓްނާމް ހަނގުރާމައިގައި އޭނާއަށް ކުރެވުނު ތަޖުރިބާއަށްވުރެ ބިރުވެރި ތަޖުރިބާއަކަށް ކަމަށެވެ.
ޑޭވިޑް ޑާއޯ ދަމާފައި ފްލައިޓުން ބޭލުވުމުގެ ތެރޭ އޭނާގެ ދަތްޕިލައިގެ ކުރިމަތިން ދެ ދަތް އަދި ނޭފަތް ބިނދި އިތުރު އަނިޔާވެފައިވާ ކަމަށާއި އެކަމަށް އިންސާފު ހޯދާނެ ކަމަށް ވަކީލު ބުންޏެެވެ.
ޗިކާގޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ އަންހެން ދަރިފުޅު ކްރިސްޓަލް ޑާއޯ ޕެޕަރ ބުނީ އޭނާގެ ބައްޕައަށް ފަރުވާކޮށްކޮށް ވަރުބަލިވެއްޖެ ކަމަށެވެ.
ވިއެޓްނާމާއި އެމެރިކާގެ ރައްވެއްސެއް ކަމަށްވާ އުމުރުން 69 އަހަރުގެ ފިޒީޝަން ފްލައިޓުން ފައިބަން ދެކޮޅު ހެދީ އޭނާ ބަލަންޖެހޭ ބަލިމީހުންގެ ގާތައް ދާންޖެހޭ ކަމަށް ބުނެއެވެ.
ޑރ. ޑާއޯގެ ވަކީލް ތޯމަސް ޑިމެޓްރިއޯ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ކިޔައިދީފައިވާ ގޮތުގައި ވިއެޓްނާމް ހަނގުރާމަ ފެށުމުން 1975 ވަނަ އަހަރު ވިއެޓްނާމުން ބޯޓެއްގައި އޭނާ ފުރައިގެން ދިޔަ ކަމަށެވެ. ނަމަވެސް މަތިންދާބޯޓްގެ ދެ ގޮނޑިބަރި ދޭތެރެއިން އޭނާ ދަމާފައި ގެންދިއުމަކީ ހެ ހާދިސާ އަށް ވުރެ ވެސް މާ ބިރުވެރި ކަމެއްގެ ގޮތުގައި ޑާއޯ އަށް އިހްސާސްކުރެވުނު ކަމަށް ވަކީލު ބުންޏެވެ.
ޗިކާގޯގައި ދިރުއުޅެމުންދާ ޑާއޯ ބުނީ "ބައްޕައަށް ދިމާވި ފަދަ ކަމެއް އެހެން އެއްވެސް އިންސާނަކަށް އެއްވެސް ހާލެއްގައި ދިމާވެގެން ނުވާނެ" ކަމަށެވެ.