ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުން މަގުސަދު ހާސިލްވާ މިންވަރު ވަރަށް ދަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަފާއު ވިދާޅުވީ ދަނޑުވެރިން ކުރުމަށް ޚާއްސަކޮށް ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށްތަކުން މަގުސަދު ހާސިލްވާ މިންވަރަށް ވަރަށް ދަށް ކަމަށާއި، ވަކި ޓަރގެޓްއެއް ކަނޑައަޅައިގެން މަސައްކަތްތައް ކުރި ނަމަވެސް އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށެވެ.
އެގޮތުން ދަނޑުވެރިކަން ކުރުމުގައި ބައެއް ދަތިތައް ކުރިމަތިިވާކަން ޝަފާއު ފާހަގަކުރެއްވިއެވެ.
މިސާލަކަށް ދަނޑުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ ލޯނު ފެސިލިޓީތައް ލިބުން. މިއީ އަބަދު ވެސް ހުރިހާ ބޭފުޅުން ދައްކަވާ ވާހަކައެއް. އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް ބޭންކުން ލޯނު ލިބުމުގައި ދަތިތައް އެބަހުރި. ދެން އެކަހަލަ ކަންތައްތައް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން އެސްޓީއެފްސީ މެދުވެރިކޮށް މި ލުއި ލޯނު ޕްރޮގްރާމް. އެކަމަކު އެއީ ވެސް ވަރަށް ކުޑަކުޑަ އަދަދުތަކެއް. އެއީ ހަމައެކަނި އަލަށް ދަނޑުވެރިކަން ފަށާފަރާތްތަކަށް ނުވަތަ ދަނޑުވެރިކަން ކުރާ ފަރާތްތަށް އެންހޭންސް ކޮށްލުމަށްޓަކައި ލިބޭ ލޯނު. އެހެންވީމަ ފުޅާ ބޮޑެތި ލޯނުތައް އެބަ ލިބެންޖެހޭ. އެކަމަށް އަޅުގަނޑުމެން ވެސް މަސައްކަތްތައް ކުރަމުން މިދަނީ.ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަފާއު
މީހާރު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގައި ކުރަމުންދާ މަސައްކަތްތައް މިނިސްޓްރީން މޮނިޓަރ ކުރަމުންދާކަން ފާހަގަކުރައްވައި ޝަފާއު ވިދާޅުވީ މި މަސައްކަތަކީ މި ސަރުކާރު އައިފަހުން ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ޝަފާއު ވިދާޅުވީ ދަނޑުވެރިކަން ކުރާ ރަށްރަށް މޮނިޓަރ ކުރުމުގައި ދެ އުސޫލަކަށް އަމަލު ކުރާ ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ޓީމުން އެ ރަށަކަށް ގޮސް މޮނިޓަރ ކުރުމުގެ އިތުރުން ކޮންމެ މަހަކު އެއްފަހަރު އެ ރަށެއްގައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އަށް ރިޕޯޓެއް ހުށަހަޅަން ޖެހޭ ކަމަށް ޝަފާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ރިޕޯޓުން އަޅައި ކިޔުމުގެ އިތުރުން ހާސިލުވާ މިންވަރު މިނެކިރާ ކަމަށެވެ.
ޝަފާއު ވިދާޅުވީ މީހަކަށް ލިބިފައި އޮންނަ އެގްރިމެންޓެއް ބާތިލު ކުރުމަކީ މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެންކަމުން އަބަދުވެސް ދިމާވާ ދަތިތައް ބަލައި މަޝްވަރާގެ ތެރެއިން މަސައްކަތްތައް ކުރުމަށް އިސްކަންދޭ ކަމަށް ޝަފާއު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވަސީލަތްތައް ފޯރުކޮށްދީގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަކީ ފިޝަރީޒް މިނިސްޓްރީގެ އެއް އަމާޒު ކަމަށް ޝަފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަފާއު ވިދާޅުވީ 1997 ވަނަ އަހަރުން ފެށިގެން ކޮމާޝަލް ދަނޑުވެރިކަމަށް ރަށްތައް ދޫކުރެވިގެން ދިޔަ ކަމަށެވެ. މާފެހި، މަޑިދޫ، ވައިކަރަ، މުރައިދޫ އަދި ތީފަރިދޫ އަކީ ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ ރަށްތައް ކަމަށާއި، މިއަދާ ހަމައަށް ވެސް އެ ރަށްތަކުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ޝަފާއު ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރުމަށް ފަޅު ރަށްތައް ދޫކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވައި ޝަފާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ޕޮލިސީ ކަރުދާހެއް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
އެކަމަކު މީ އެކި ސަރުކާރުތަކުން ސަރުކާރު ބަދަލުވަމުން އަންނަ ދަނޑިވަޅުގައި ޕޮލިސީއަށް އެބަ ކުދިކުދި ބަދަލުތައް އެބަ އާދޭ. ރަށްތައް ދޫކުރެވޭ އުސޫލުތައް ކުޑަކޮށް ބަދަލުވެގެން އެބައާދޭ. އެހެންވީމަ އެއުސޫލުތަކުން ހެދިފައި ހުންނަ އެގްރިމެންޓްތައް ހުންނަނީ ކުޑަކޮށް ބަދަލުވެފަ. އެކަމަށް އަޅުގަނޑުމެން ވިސްނައިގެން އަޅުގަނޑުމެން ކުރަމުންދާ މައިގަނޑު އެއްމަސައްކަތަކީ މިހާރު މިހެދިފައި ހުރި އެގްރިމެންޓްތައް ހާމަނައިޒް ކުރުމުގެ މަސައްކަތް. އެއީ ވަކި ސްޓެންޑެއްގައި ގާއިމް ކުރެވިފައި ހުންނަނީ.ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަފާއު
ޝަފާއު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިން ނެތް ރަށްރަށަށް ކައިރީގައި ހުންނަ ފަޅު ރަށްތަކުން ދަނޑުވެރިކަން ކުރުމަށް އެފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު ދިމާވާ މައްސަލަތައް ހައްލުކޮށް ދަނޑުވެރިކަން ފުޅާ ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތައް ކުރަމުންދާކަން ޝަފާއު ފާހަގަކުރެއްވިއެވެ.