ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 19:26
ފްރެންޗް ލީގުގައި މީގެ ކުރިން މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރި މެޗުގެ ތެރެއިން
ފްރެންޗް ލީގުގައި މީގެ ކުރިން މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗު ލީގު ފެށުން ލަސްކުރުން
ފްރެންޗް ލީގު ހުޅުވާ މެޗު ފަސްކޮށްފި
މާސޭއިން ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައި
ފްރެންޗް ލީގު ހުޅުވާ މެޗު ވަނީ ސެޕްޓެމްބަރު 16 ނުވަތަ 17 ވަނަ ދުވަހަށް ފަސްކޮށްފައި

ފްރާންސްގެ މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު، އަންނަ ސީޒަނުގެ ފްރެންޗް ލީގު ހުޅުވާ މެޗު ފަސްކޮށްފިއެވެ.

މާސޭއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޑިފެންޑަރު ޖޯޑަން އަމާވީއެވެ. އަމާވީ ޕޮޒިޓިވް ވުމާއެކު އެ ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ކޯޗުން ޓެސްޓް ކުރިއިރު، އިތުރު ތިން ކުޅުންތެރިއަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމަކު އެ ކުޅުންތެރިންގެ ނަން ތައްކްލަބުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު، ފްރެންޗް ލީގު ބާއްވަމުން އަންނަ އެލްއެފްޕީން ވަނީ ހުކުރު ދުވަހު ފަށަން ހަމަޖެހިފައިވާ ފްރެންޗް ލީގު ހުޅުވާ މެޗު ލަސްކުރަން ނިންމާފައެވެ. ފްރެންޗް ލީގު ހުޅުވާ މެޗުގައި ބައްދަލުކުރަން ތާވަލުކޮސްފައި އޮތީ މާސޭ އާއި ސެއިންޓް އެޓިއެންއެވެ.

އެލްއެފްޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާސޭއިން ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، ފްރެންޗް ލީގު ހުޅުވާ މެޗު އަންނަ ސެޕްޓެމްބަރު މަހުގެ 16 ނުވަތަ 17 ވަނަ ދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެލްއެފްޕީގެ ބަޔާނުގައި ބުނީ އެ އިދާރާއިން ކޮވިޑް-19 ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި، އެކަން ފްރެންޗް ލީގުގެ ކުލަބުތަކަށް އަންގާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ އިތުރު ކޭސްތައް ފެންނަމުންދާ ވަރަކުން، ލީގުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ ސީޒަނުގެ ފްރެންޗް ލީގު ފެށުން ލަސްކުރިއިރު، މީގެ ކުރިން އެލްއެފްޕީން ވަނީ މި ސީޒަނުގެ ފްރެންޗް ލީގު އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކެންސަލް ކޮށްފައެވެ. ފްރެންޗް ލީގަކީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.

ފްރާންސަކީ ދުނިޔެއިން 20 ވަނައަށް ކޮވިޑް-19 ގެ ކޭސް އެންމެ ގިނައިން ފެނިފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް ދެ ލައްކަ އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 30،000 (ތިރީސް ހާސް) ށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް