ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 23:38
ބާސެލޯނާއަށް އިރުޝާދު ދިން ކިކޭ ސެޓިއެން: އޭނާ އާއެކު ބާސާއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވޭ
ބާސެލޯނާއަށް އިރުޝާދު ދިން ކިކޭ ސެޓިއެން: އޭނާ އާއެކު ބާސާއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވޭ
ގެޓީ އިމޭޖަސް
ސެޓިއެން މަގާމުން ވަކިކުރުން
ބާސާގެ ކޯޗުގެ މަގާމުން ސެޓިއެން ވަކިކޮށްފި
ސެޓިއެން ބާސާއާ ހަވާލުވީ ޖެނުއަރީ މަހުގެ ތެރޭގައި
މި ސީޒަން ބާސާއިން ނިންމާލީ ހުސްއަތާ
ސެޓިއެންގެ ބަދަލުގައި ކޫމަން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ބާސެލޯނާގެ ކޯޗުގެ މަގާމުން ކިކޭ ސެޓިއެން ވަކިކޮށްފިއެވެ.

ބާސާގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ސެޓިއެން މަގާމުން ދުރުކުރިކަން ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިންވެސް މި ސީޒަނަށްފަހު ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ބެލެވުނުއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާ ވަނީ ލަދުވެތި ގޮތަކަށް ބަޔާން މިއުނިކް އަތުން 8-2 ން ބަލިވެ މުބާރާތުން ކެޓާފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގެ ދެވަނަ ބާސާއަށް ލިބުނުއިރު، މި ސީޒަން އެ ކުލަބުން ނިންމާލީ ހުސްއަތާއެވެ. މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ އަހަރެވެ.

އެއާއެކު ހޯމަ ދުވަހު ބޭއްވި ބާސާގެ ބޯޑު މެންބަރުންގެ ބައްދަލުވުމުގައި ވަނީ ސެޓިއެން މަގާމުން ވަކިކުރަން ނިންމާފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި އައު ކޯޗަކު ހަމަޖައްސާ، އެކަން އިއުލާން ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޖެނުއަރީ މަހު ބާސާއިން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް، 2003 ވަނަ އަހަރަށް ފަހު ސީޒަން މެދުތެރެއިން ފުރަތަމަ ފަހަރަށް ކޯޗު ބަދަލުކުރިއިރު، ކުރިން ރެއާލް ބެޓިސްއަށް ކޯޗުކޮށްދިން ސެޓިއެންގެ ކޯޗުކަމުގައި ބާސާއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސެޓިއެންގެ ބަދަލުގައި ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބާސާގެ ކޯޗަކަށް ހަމަޖެއްސުމަށް އެ ކުލަބުގެ ބޯޑުން މިހާރު ވަނީ ނިންމާފައެވެ.

މީގެ ކުރިން ކޫމަން ވަނީ އޭނާގެ ހުވަފެނަކީ ބާސާއަށް ކޯޗު ކޮށްދިނުންކަން އެންމެނަށް އެނގޭނެ ކަމަށާއި، ބާސާއިން ވަރަށް ފަހަކުންވެސް އޭނާއަށް ގުޅިކަން ހާމަކޮށްފައެވެ. އުމުރުން 57 އަހަރުގެ ކޫމަން އާއެކު ނެދަލެންޑްސްއިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން ކޫމަން ބޭނުންވެއްޖެނަމަ މަގާމު ދޫކޮށްލުމުގެ އިޚުތިޔާރު އޮވެއެވެ. އެކަމަކު އެކަން ކުރެވެނީ އޭނާގެ އެއްބަސްވުން އުވާލަން ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

ކޫމަންގެ އިތުރަށް ބާސާއިން ގަތަރުގެ އަލް ސާދަށް އިރުޝާދު ދެމުން އަންނަ އެ ކުލަބުގެ ލެޖެންޑް ޒަވީ ހެނާންޑޭޒާއި އެމްއެލްއެސްގެ މޮންޓްރެއަލް އިމްޕެކްޓަށް އިރުޝާދު ދެމުން އަންނަ ކުރީގެ ފޯވާޑް ތިއަރީ އޮންރީއަށްވެސް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް