ސްރީލަންކާގެ ޕްރޮވިންސް އިންތިހާބަށްފަހު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ޒުވާން ލީޑަރަކާއި ހިންގުން ހަވާލު ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެއެވެ.
ރަނިލް މިހެން ވިދާޅުވެފައިވަނީ 42 އަހަރުގެ ދިގު ސިޔާސީ ޙަޔާތުގައި އެ ޤައުމުގެ މަޖިލިސް އިންތިޚާބަކުން ނާކާމިޔާބު ވެވަޑައިގެންފައިވަނިކޮށެވެ. ރަނިލް އަށް ސްރީލަންކާގައި ކުރިއަށް ދިޔަ އާންމު އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ކުރެއްވިފައި ނުވާއިރު، މިއީ ރަނިލްގެ 42 އަހަރުވީ ދިގު ސިޔާސީ ޙަޔާތުގައި މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ނުކުރެވިދިޔަ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެ ޤައުމުގައި ބޭއްވުނު އާންމު އިންތިޚާބުގައި ރަނިލް ވަނީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައި ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
އޭގެ އިތުރުން، މިއަހަރުގެ އާންމު އިންތިޚާބުގައި ރަނިލް ނިސްބަތް ވެވަޑައިގަންނަވާ ޔޫއެންޕީއަށް ބޮޑެތި ނާކާމިޔާބުތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިވަގުތު ޔޫއެންޕީ އުޅެނީ ވޯޓު ލިބުނު ނިސްބަތަށް ބަލާއިރު 4 ވަނައިގައެވެ. އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ޔޫއެންޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ.
ނާކާމިޔާބީއަށްފަހު ލަންކާގެ ޕްރޮވިންސް އިންތިހާބު ބޯމަތިވެފައިވާ އިރު، ރަނިލް ވިދާޅުވެފައިވަނީ އެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ޒުވާން ލީޑަރަކާއި ހަވާލުކޮށް، ޒުވާންނުންނަށް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ނިޒާމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. ހޮނިހިރު ދުވަހު ޕާޓީގެ ހެޑްކުއާޓާގައި ބޭއްވި ބައްދަލުވުމުގައި ރަނިލް ވިދާޅުވީ އާ ނިޒާމާއެކު ޒުވާން ލީޑަރުންނަށް ޕާޓީގެ ކަންކަން ހިންގުމުގައި އިސް ރޯލެއް އަދާކުރެއްވޭނެ ކަމަށެވެ.
އެގޮތުން ވާރކިން ކޮމިޓީގައި މަޝްވަރާކޮށް މިކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށާއި، މިކަމާއި ގުޅޭ މައުލޫމާތު ޕާޓީގެ މެންބަރުންނަށް ވަރަށް އަވަހަށް ދެއްވާނެ ކަމަށެވެ. ޕާޓީގެ ލީޑަރޝިޕް ހަވާލު ކުރެވޭ ޒުވާން ލީޑަރަކީ ޕާޓީގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭނެ މީހެއް ކަމަށް އާ ނިޒާމުގައި ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި އަ ނިޒާމުގެ ތެރޭގައި ހިމެނޭ މެންބަރުން ކުރިއަށް އޮތް ޕްރޮވިންސް އިންތިހާބުގައި އިސް ދައުރެއް އަދާ ކުރައްވާނެ ކަމަށް ރަނިލް ވިދާޅުވެފައިވެއެވެ.
އަޅުގަނޑުމެން މިތިބީ އާ ޖީލެއްގެ ތެރޭގައި. 1931 ގައި ލަންކާގައި އޮތީ ހަމައެކަނި ޕްރިންޓެޑް މީޑިއާ. ނަމަވެސް މިހާރު ތަރައްގީވެ ޑިޖިޓަލް ޕްލެޓްފޯމެއް އެބައޮތް. އެހެންކަމުން މި ޕްލެޓްފޯމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބައިވެރިކުރެވިދާނެ. އަޅުގަނޑުމެންނަނށް 2015 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ޖެހުނީ މާޒީގެ މަތިން ހަނދާން ނައްތާލާފައިވާ ރައީސަކާއެކު. ލޯކަލް ގަވަރމަންޓް އިންތިހާބު އަޅުގަނޑުމެންނަށް ވަނީ ގެއްލިފައި. މިކަމުގެ ސަބަބުތަކުގެ ތެރޭގައި އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތައް ހިމެނޭ އިރު އެކަމުގެ ސަބަބުން ގިނަ ކަންކަމާއި ކުރިމަތިލާން ޖެހުނު. އަދި މިކަމުގެ ސަބަބުން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު،ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމްސިންހަ
ރަނިލް ވިދާޅުވީ ޔޫއެންޕީއަށް ލިބެމުން އައި ސިންހަޅަ ބުދިސްޓުންގެ ތާއިދާއި، އެ ޕާޓީއާއި އެކުގައި މަސައްކަތް ކުރަމުން އައި އެސްޖޭބީއަށް ވެސް ބުދިސްޓުންގެ ތާއިދު ގެއްލިފައިވާކަމަށެވެ. ރަނިލް ވަނީ ޕާޓީއަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު ސާބިތުކަމާއެކުގައި ތިއްބެވި ހުރިހާ ކެންޑިޑޭޓުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ސްރީލަންކާގެ އާންމު އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ޔޫއެންޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ. އެއްވަނައިގައި އޮތް އެސްއެސްއެލްޕީ ވަނީ 146 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި އެސްޖީބީ ޕާޓީން 54 ގޮނޑި ކާމިޔާބުކޮށް ލިސްޓުގެ ދެވަނައިގައި އޮތްއިރު، 3 ވަނައަށް އޮތީ ޖޭޖޭބީއެވެ. އެއީ މަޖިލީހުގެ 3 ގޮނޑި ކާމިޔާބު ކޮށްގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން ރަނިލް ވަނީ މަޖިލީހުގެ މީގެ ކުރީގެ 8 ދައުރުގައިވެސް ތަމްސީލު ކުރައްވާފައެވެ. އެގޮތުން 1978 ގައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ފަހުން ރަނިލް ވަނީ މިއަދާ ހަމައަށްވެސް އިންތިޚާބުތަކުން ކާމިޔާބު ވެވަޑައިގެން ގޮނޑި ކަށަވަރު ކުރައްވާފައެވެ. އޭގެ އިތުރުން، ރަނިލް ވަނީ 3 ފަހަރެއްގެ މަތިން އެ ޤައުމުގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައެވެ.
ލަންކާގައި ބޭއްވި އިންތިޚާބުގައި 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އަދި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ލިބިފައި ވަނީ 23 ގޮނޑި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.