ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ދުވަހަކީ މި އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަސް ކަމަށް ސައިންސްވެރިން ބުނެފިއެވެ.
އެމެރިކާގެ މޫސުމާ ބެހޭ ޤައުމީ އިދާރާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ހޯމަ ދުވަހު އެ ޤައުމުން ވަނީ 130 ފެރަންހީޓްގެ ފިނި ހޫނުމިނެއް ރެކޯޑް ކުރެވިފައެވެ. އަދި މިއީ މިހާތަނަށް ދުނިޔެއިން ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ދުވަސް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
މި ހޫނުމިން ރެކޯޑް ކުރެވިފައިވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ޑެތް ވޭލީ ނޭޝަނަލް ޕާރކުންނެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ވެސް ހޫނުމިން މިއަށްވުރެން ވެސް މައްޗަށް ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
މީގެ ކުރިން އެންމެ މަތީ ހޫނުމިނެއް ރެކޯޑް ކުރެވިފައިވަނީ ވެސް ޑެތް ވޭލީއިންނެވެ. އެއީ 1913 ވަނަ އަހަރުއެވެ. އަދި 1931 ވަނަ އަހަރު ޓިއުނީޝިއާ އިން 131 ފެރަންހީޓްގެ ހޫނުމިނެއް ރެކޯޑް ކުރެވިފައިވެއެވެ. އެހެން ނަމަވެސް މި ރީޑިންގތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ފަހުން ވަނީ ހޯދިފައެވެ.
އެއާއެކު މީގެ ކުރިން އެންމެ މަތީ ހޫނުމިނެއް ރެކޯޑް ކުރެވުނު ކަމަށް ރިޕޯޓްތަކުން ދައްކަނީ 2013 ވަނަ އަހަރު ޑެތް ވޭލީންނެވެ. އެފަހަރު 129 ފެރަންހީޓްގެ ހޫނުމިނެއް ރެކޯޑް ކުރެވިފައިވެއެވެ.
އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކެލިފޯރނިއާގެ އިންޑިޕެންޑެންޓް ސިސްޓަމް އޮޕަރޭޓަރ (ސީއައިއެސްއޯ) އިން ވަނީ ސްޓޭޖް 3 ގެ ކުއްލި ޙާލަތެއް ވެސް އިއުލާނު ކޮށްފައެވެ.
އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ގޯހުން ގޯހަށް ދާކަމަށް ބުނެ ސައިންސްވެރިން ތަކުރާރުކޮށް ގެންދަނީ އިންޒާރު ދެމުންނެވެ. އެގޮތުން ދުނިޔެ ހޫނު ވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުމެއް ނެތި ކުރިއަށް ދާތާ 2018 ގެ ނިޔަލަށް 7 އަހަރު ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.