ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 15:02
އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަނަށް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން
އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަނަށް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ސްޕޯޓްސް ކޯޕަރޭޝަން އުވާލުން
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ އަޅުގަނޑު އެކަނި ނިންމާ ނިންމުމެއް ނޫން: މަޙްލޫފް
ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތި، ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ކުރިން އެކި ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދާނެ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާ ނިންމުމަކީ އެމަނިކުފާނު އަމިއްލައަށް ނިންމަވާނެ ނިންމުމެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިހާރު އެކުލަވާލާފައިވާ ޤާނޫނަށް އިސްލާހު ގެނެސް، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެފަހަރު ވަޒީރު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ވަޒީރު އަދި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މިހާތަނަށްވެސް މަސައްކަތްކޮށްފައި ވަނީވެސް ވަރަށް ގާތްކޮށް ކަމަށެވެ. އެކަމަކު ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތި، ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ފިނޭސް މިނިސްޓްރީ އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސްޕޯޓްސް ކޯޕަރޭޝަން އުވާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޙްލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ސްޕޯޓްސް ކޯޕަރޭޝަނެއް އޮންކަން އެނގިނުލައްވާ ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސްޕޯޓްސް ކައުންސިލާއި ކުޅިވަރު އެސޯސިއޭޝަންތަކުންވެސް އެކަމަށް އެދޭތީ ކަމަށެވެ. އެކަމަކު އުފައްދާފައި އޮތް ކުންފުންޏެއް އުވާލުމުގެ ކުރިން އެކި ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދާނެ ކަމަށާއި، އެއީ ވަޒީރު އަމިއްލައަށް ނިންމާ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ކެޕޭސިޓީއެއް ނެތް ކަމަށް ވަޒީރު މީގެ ކުރިން ފާހަގަކުރެއްވިއިރު، އެ ބޭފުޅުން މަސައްކަތް ކުރާ އިމާރާތަކީވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ހިލޭ ދީފައިވާ އިމާރާތެކެވެ. އަދި މި ސަރުކާރުން ދެ ފަހަރު އެ އިމާރާތުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރި ހަމައެކަނި މަސައްކަތަކީ ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތެވެ.

މަޙްލޫފް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭގެ ތެރެއިން ލިބިފައި ވަނީ ދެބައިކުޅަ އެއްބައި ކަމަށާއި، މީގެ ކުރިން ރަށްރަށުގައި އަޅާ ދަނޑުތަކުގެ ބިން އެއްވަރުކުރުމާއި ޓާފް އެޅުން ފަދަ މަސައްކަތްތައް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރަން ޖެހުނީ ސްޕޯޓްސް ކޯޕަރޭޝަނުގައި އެ މަސައްކަތް ކުރުމަށް ފައިސާ ނެތުމުން ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މަސައްކަތް ކުރަމުން އަންނައިރު، އެ ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ. އެކަމަކު މިހާތަނަށް މިއިން އެއްވެސް މަސައްކަތެއް އެ ކޯޕަރޭޝަނުން ކޮށްފައިނުވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް