ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 04:24
  ކިނބުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހަސަން އަފީފު ވާހަކަ ދައްކަވަނީ
ކިނބުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހަސަން އަފީފު ވާހަކަ ދައްކަވަނީ
އަޒުމޫން އަހުމަދު
ކައުންސިލް އިންތިހާބު
މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް
ޤާނޫން އަސާސީ ހިމާޔަތް ކުރަންވެސް މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ
މަޖިލިސް އަޣްލަބިއްޔަތު ދިނުމުންވެސް ރައްޔިތުންނަށް ލިބުނީ ގެއްލުން
މިނޫނިއްޔާ އެއްވެސް ރައީސަކު ނެތް ކާޑުގެ ސަބްސިޑީ ކަނޑާލާފައެއް

މިހާރު ރާއްޖޭގައި މިއޮތް ވެރިކަން ދެމިއޮވެއްޖެ ނަމަ ދިވެހި ޤައުމިއްޔަތާއި, ދިވެހިންގެ ދީން, ދާދި އަވަހަށް ގާދޫ ކޮލުން ނިކުމެގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރ އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ހަސަން އަފީފް އެފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ހޯދުމަށް އެ ޕާޓީން ތ އަތޮޅު ކިނބިދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިއަދު ވިސްނަން އެބަޖެހޭ. މިރާއްޖެ މިދަނީ ހަލާކުގެ މަގަށް. މިވެރިކަން ދެމިއޮވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަޅުގަނޑުމެންގެ ދީން ވަރަށް އަވަހަށް ގާދޫކޮލުން ނިކުމެގެން ހިނގައިދާނެ. އެހެންކަމުން ޤާނޫނީ ހަމަތަކުގެ މަތިން މިވެރިކަން ބަދަލުކުރަން ޖެހޭ،"އަފީފް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުގެ ސަބަބުން މާލިއްޔަތު ގާނޫނަށް ބަދަލު ގެނެސް، ރައްޔިތުންގެ ފައިސާއަށް ހިތުހުރި ގޮތަކަށް ހަދަމުންދާ ކަމަށާއި އެމްއެމްޕީއާރުސީއާއި އެހެނިހެން ކުންފުނިތަކުގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގޭ ކަމަށް އަފީފު ވިދާޅުވި އެވެ. އެފަދަ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ފަރާތްތަކާމެދު ފިޔަވަޅެއް އަޅުއްވާ ޝަރީއަތަށް ފޮނުވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ދިނުމުން ރައްޔިތުންނަށް ލިބުނީ ގެއްލުމާއި ނިކަމެތިވުން ކަމަށް ފާހަގަ ކުރައްވައި އަފީފު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައީސަކު ކާޑަށް ދީފައިވާ ސަބްސިޑީ ކަނޑާލާ ކާޑުގެ އަގު ބޮޑުކޮށްފައި ނުވާއިރު، މިސަރުކާރުން ވަނީ އެކަން ކޮށްފައި ކަމަށެވެ. ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގު ދެ ގުނަ ވަނީ ބޮޑުވެފަ އެވެ. 
 

މިހާރު އަމަލުކުރާ ފެހި ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އިންނެވި އަފީފް ވިދާޅުވީ ޤާނޫނުއަސާސީ ބައްޓަންވެފައިވަނީ ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް ރައްޔިތުންގެ ގާތުން ވެރިކަން ކުރުމަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމެއް ގެނައީ އެކަމަށް ކަމަށާއި ނަމަވެސް ސަރުކާރުން އެދަނީ ނިޒާމް ފުނޑުފުނޑުކޮށްލަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަމުން އެދަނީ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުން ދޫކޮށްލައިގެން ކަމަށާއި އެ ޤާނޫނުއަސާސީ ޙިމާޔަތް ކުރަންވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

- ކޮމެންޓް