މާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ކަމަށާއި މިވަގުތު ގޯތީގެ ގޮތުގައި 1474 ޕްލޮޓު ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ލިޔުމުން ހުށައެޅުއްވި ފަސް ސުވާލަށް މިނިސްޓަރ ޖަވާބު ހުށައަޅުއްވާފައިވަނީ ލިޔުމުންނެވެ. މި ޖަވާބުތައް މަޖިލީހަށް އިއްވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ މިވަގުތު ގޯތީގެ ގޮތުގައި 1474 ޕްލޮޓު ކަނޑައަޅާފައިވާކަމަށެވެ. އެއީ ގުޅީފަޅު ހިއްކާ އެތަނުގައި ތަރައްޤީ ކުރެވޭ ރެސިޑެންޑަޝަލް ސަރަހައްދުން ރޯހައުސް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 750 އަކަފޫޓުގެ 1200 ޕްލޮޓާއި، ހުޅުމާލެ ފޭސް 2ން 26 ލޮޓެއް ރޯހައުސް ތަރައްގީ ކުރުމަށާއި އަދި އިތުރަށް 1000 އަކަ ފޫޓުގެ 248 ޕްލޮޓެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުރިއަށް ގެންދިއުމަށް ރޭވިފައިވާ 9 މަޝްރޫއު އެއް ވާކަމަށެވެ. މި ހުރިހާ މަޝްރޫއު އެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން 2 ކޮޓަރިއާއި 3 ކޮޓަރީގެ ބެޑްރޫމް ހިމެނޭ ހައުސިންގ ޔުނިޓްތައް ތަރައްޤީކުރެވެނީ، 2 ކޮޓަރީގެ ފްލެޓްގެ އޭރިއާ 650 އަކަފޫޓަށް ވުރެ ކުޑަ ނުވާނެހެން ކަމަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ އޭރިއާ 900 އަކަ ފޫޓަށްވުރެ ކުޑަ ނުވާނެހެން ކަމަށެވެ.
މި ހައުސިންގް މަޝްރޫއުތަކާއި ގުޅޭ އިތުރު މައުލޫމާތު މިނިސްޓަރ އަސްލަމް ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ހިއްސާ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރަނގަޅު ގެއެއް، ނުވަތަ އެކަށީގެންވާ ތަނެއްގައި ދިރިއުޅުމާއި, ލިބޭ އާމްދަނީ އާއި އޮތީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ކުރެވުނު ހައުސިންގް އިންކަމް އެކްސްޕެންޑިޗަރ ސަރވޭއަކާއި ހަވާލާދެއްވާ އަސްލަމް ވިދާޅުވީ މާލޭގެ އާބާދީގެ 15% އާއިލާތަކަކީ 15،000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކެއް ކަމަށެވެ. އަދި މި ފަރާތްތައް ބެލޭނީ ފަގީރުންގެ ގޮތުގައި ކަމަށެވެ.
މާލޭގެ އާބާދީގެ 24% އަކީ 15،000 އާއި 24000 އާއި ދޭތެރޭގެ އާމްދަނީ ލިބޭ އާއިލާތަކަށްވާއިރު 25،000 އާޢި 45،000 އާއި ދޭތެރޭގެ އާމްދަނީ ލިބޭ އާއިލާތައް މާލޭގެ އާބާދީގެ 33% ހިއްސާ ކުރާ ކަމަށެވެ. މީގެ އިތުރުން އާބާދީގެ 28% އަކީ 45،000 އާއި 61،000 ށް ވުރެ އިތުރަށް އާމްދަނީ ލިބޭ އާއިލާތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ހައުސިންގްގެ ބާވަތްތައް ކަނޑައެޅީ ލިބޭ އާމްދަނީ އަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން އެންމެ ފަގީރު އާއިލާތަކަށް ކަނޑައަޅާފައިވަނި ކައުންސިލް ހައުސިންގް އެވެ. އެއީ މަގުމަތިވިޔަ ނުދިނުމަށްޓަކައި ކުޑަ އަގެއްގައި މީހުން ދިރިއުޅެން ދައްކާ ބޯހިޔާވަހިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 755،000 ރުފިޔާގެ ރޭންޖެއްގައި ސަބްސިޑައިޒްޑް ކައުންސިލް ހައުސިންގް އެޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުން ކޮންމެވެސް ވަރެއްގެ ސަބްސިޑީއެއް ދީގެން، 1 މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ އަގެއްގައި އެފޯޑެބްލް ހައުސިންގް ޔުނިޓުތަކެއް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަގު ހިފެހެއްޓުމުން މިޑްލް އިންކަމް ނުވަތަ މެދު އާމްދަނީ ލިބޭ ފަރާތްތަކަށް ގަނެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ވައްތަރުތައް ކަނޑައަޅާފައިވަނީ މާލޭގެ ހައުސްހޯސްޑް އިންކަމް ސަރވޭ އަށާއި ހައުސިންގް ނީޑަށް ބެލުމަށްފަހު ކަމަށެވެ. މާލެއަށް ރެޖިސްޓަރ ކޮށްފައިވާ މީހުންގެ ތެރެއިން 1336 އާއިލާއަކަށް ކައުންސިލް ހައުސިންގް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެހެން ރަށްރަށުން ހިޖުރަކޮށްގެން މާލޭގައި ދިރިއުޅޭ 3،137 އާއިލާއަކަށް ކައުންސިލް ހައުސިންގް ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށެވެ.