ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނި އޮސްޓްރޭލިއާއިން 25 މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
ބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވިކްޓޯރިއާއިން ހޯމަ ދުވަހު ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މިހުން މަރުވި ކަމަށް ރިޕޯޓުކުރި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުނުވާކަމަށް އެ ގައުމުން ބުނެއެވެ. މިހާތަނަށް އެ ގައުމުން އެންމެ ގިނައިން ދުވާލެއްގެ މައްޗަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހު އެކަނިވެސް 21 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ވިކްޓޯރިއާ ސްޓޭޓުން ވަނީ ހޯމަ ދުވަހު 282 އައު ކޭސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. މިއީ އާދިއްތަ ދުވަހު ފެނުނު އަދަދާއި ބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން، އާދިއްތަ ދުވަހު އެކަނިވެސް 279 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ކުރިން ވިކްޓޯރިއާއިން ދުވާލެއްގެ މައްޗަށް ފެންނަމުން އައި 700 އައު ކޭސްއާއި އަޅާ ބަލާއިރު ކުރިއެރުމެކެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޮވިޑް19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ ސަރަހައްދުގައި ވަނީ ކާރިސާގެ ހާލަތުވެސް އިއުލާންކޮށްފައެެވެ. އޭގެ އިތުރުން ވިކްޓޯރިއާ ސްޓޭޓުގެ ވެރިރަށް، މެލްބަންގެ ރައްޔިތުންނަށް ރޭގަނޑު 20:00ން ފަތިހު 05:00ށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ގެއަކުން އެއް ފަހަރާ ނިކުމެވޭ މީހުންގެ އަދަދު އެކަކަށް މަދުކޮށް، ދުވާލަކު އެއް ފަހަރު ކަސްރަތު ކުރަން ނިކުމެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.
އެންމެ ފަހުން އެޅި ފިޔަވަޅުތައް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ. އަދި މިހާރު ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ރައްޔިތުން އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް އިއުލާންކުރައްވަމުން ވިކްޓޯރިއާގެ ޕްރިމިއަރ ޑެނިއަލް އެންޑްރޫޒް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުކަށި ކުރީ މިހާރު ހުރި ފިޔަވަޅުތަކުގެ ނަތީޖާ ފެނުން ލަސްވެގެން ކަމަށް ވިދާޅުވެފައެވެ. އަދި މި ބަލި ފެތުރުން ހުއްޓުވޭނީ ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަ ވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގައި ކޮވިޑް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދުތައް އިތުރުވެފައިވަނީ، ބަލި ކޮންޓްރޯލް ކުރުމުގައި އެ ގައުމުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހުއެވެ. މިހާރު އައު ފިޔަވަޅުތަކާއި އެކު އަނެއްކާވެސް ކޭސްތަކުގެ އަދަދު މަދުވަމުން އަންނައިރު މިހާތަނަށް އެ ގައުމުން 23،500 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބަލި ޖެހިގެން 421 މީހަކު ވަނީ މަރުވެފައެވެ.