ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 12:30
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް އާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެކުގައި
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް އާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެކުގައި
ގެޓީ އިމޭޖަސް
ރެއާލްގައި ބޭލްގެ ކުރިމަގު
ބޭލްގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭނާ އަމިއްލައަށް: މޮޑްރިޗް
ޓޮޓެންހަމްގައި ބޭލް ވިދަން ފެށި އިރުއްސުރެ އޭނާގެ ކުޅުމާއި ހުނަރު ފެނުން ކަމަށް މޮޑްރިޗް ބުނި
މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބޭ
ރެއާލާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލްގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭނާ އަމިއްލައަށް ކަމަށް މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.

މިފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލް ފެނިފައިނުވާއިރު، އޭނާ އާއި ރެއާލްގެ ކޯޗު ޒިނެދިން ޒިދާނާ ދެމެދު ހަމަނުޖެހުން އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ޒިދާން އަންނަނީ ތަކުރާރުކޮށް ބޭލްއާ މައްސަލައެއް ނެތް ކަމަށް ބުނަމުންނެވެ. ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ބޭލްއާ ގުޅޭ ގޮތުން މޮޑްރިޗް ބުނީ ބޭލް އާއެކު ގިނަ ދުވަސްތަކެއް އެކުގައި ކުޅެވިއްޖެ ކަމަށާއި، ޓޮޓެންހަމް ހޮޓްސްޕާގައި ބޭލް ވިދަން ފެށި އިރުއްސުރެ، އޭނާގެ ކުޅުމާއި ހުނަރު ފެނުނު ކަމަށެވެ. އަދި ބޭލް އަކީ އަދިވެސް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، ބޭލްގެ ކެރިއަރު ބަނަކަމެއްގެ ތެރޭގައި ވާތަން ފެންނާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އެކަމަކު ބޭލްގެ ކުރިމަގާ މެދު ގޮތް ނިންމާނީ އޭނާ އަމިއްލައަށް ކަމަށްވެސް މޮޑްރިޗް ބުންޏެވެ.

ރެއާލްގައި ބޭލްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، ބޭލްގެ އޭޖެންޓް ދާދި ފަހުން ވަނީ ބޭލް އަކީ ލޯނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ރެއާލްގެ ސްކޮޑުން ކަމަށް ބުނެފައެވެ. އަދި ރެއާލާއެކު ބޭލް ހަދައިފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި، ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށްވެސް ބުންޏެވެ.

މި ފަހުން ރެއާލުން ކުޅުނު މެޗުތަކުގައި ބޭލްއަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، އޭނާ ބެންޗުގައި އިނދެ ނިދުމުގެ އިތުރުން މި ނޫންވެސް އެކިއެކި ކަންކަން ކުރަމުން އަންނާތީ ރެއާލްގެ ސަޕޯޓަރުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ބޭލް މައްސަލައިގައި ރެއާލްގެ ސަޕޯޓަރުންވެސް ވަނީ އޭނާ ރެއާލް ދޫކޮށްލުމަށް ގޮވާލާފައެވެ.

މި ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލްއަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް