ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 16:02
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެވިން ޑިބްރޭނާ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެވިން ޑިބްރޭނާ
ގެޓީ އިމޭޖަސް
މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބްރޭނާ ހޯދުން
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޑިބްރޭނާ
ޑިބްރޭނާއާ އެންމެ ގާތުން މި މަގާމަށް ވާދަކޮށްފައިވަނީ ޗެމްޕިއަން ލިވަޕޫލްގެ ތިން ކުޅުންތެރިން
އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލިވަޕޫލަށް ޗެމްޕިއަންކަން ހޯދައިދިން ޔާގެން ކްލޮޕް

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހޯދައިފިއެވެ.

މި ސީޒަނުގައި ސިޓީ އާއެކު މޮޅު ކުޅުމެއް ދެއްކި ޑިބްރޭނާ، ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިއީ ފުރަތަމަ ފަހަރެވެ. ޑިބްރޭނާއާ އެންމެ ގާތުން މި މަގާމަށް ވާދަކޮށްފައިވަނީ ޗެމްޕިއަން ލިވަޕޫލްގެ ތިން ކުޅުންތެރިންނެވެ. އެއީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި، ފޯވާޑް މުހައްމަދު ސަލާހުގެ އިތުރުން ސަޑިއޯ މާނޭ އެވެ.

އުމުރުން 29 އަހަރުގެ ޑިބްރޭނާ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އޭނާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީއަށް 13 ލަނޑު ޖަހައިދިނުމުގެ އިތުރުން، 20 ލަނޑު ކާމިޔާބުކުރުމަށް އެހީތެރިވެފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގު ސިޓީން ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. އެޓީމު ދެވަނައިގައި އޮތީ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް ވުރެން 18 ޕޮއިންޓް ފަހަތުގައެވެ. ސިޓީއަށް 81 ޕޮއިންޓް ލިބުނުއިރު، ލިވަޕޫލަށް ވަނީ 99 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލިވަޕޫލަށް ޗެމްޕިއަންކަން ހޯދައިދިން ޔާގެން ކްލޮޕްއެވެ. ކްލޮޕް މި އެވޯޑް ހޯދީ ވާދަވެރި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއި، ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަދި ޝެފީލްޑް ޔުނައިޓެޑްގެ ކޯޗު ކްރިސް ވިލްޑާއާ ވާދަކޮށްގެންނެވެ.

ލިވަޕޫލަށް ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކްލޮޕް ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ އިތުރަށް ކޯޗުންގެ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑްއެވެ.

ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެޓީމުން 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ޖުމްލަ 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް