ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 14:01
ތ. ދިޔަމިގިލީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
ތ. ދިޔަމިގިލީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ލޯންސްޓާ ޕްރައިވެޓް ލިމިޓެޑުން
މި މަސައްކަތަށް ވަނީ ގާތްގަނޑަކަށް 580،00 ރުފިޔާ ޚަރަދުކޮށްފައި

ތ. ދިޔަމިގިލި ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމާލައިފިއެވެ.

ދިޔަމިގިލި ފުޓްސަލް ދަނޑުގެ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ލޯންސްޓާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 580،00 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ އެ ރަށުގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް ކަމަށެވެ.

އަދި ވިދާޅުވީ ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، އަދިވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި، އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ވަނީ ނިމުމަކާ ހަމަޔަށް އައިސްފައެވެ.

އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހިފައިވާއިރު، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮވިޑް-19 ގެ ކުރިން ވަރަށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައި އޮތުމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް