މީހަކު ހައްޔަރު ކުރުމުގެ އޮޕްރޭޝަންގައި ހަރަކާތްތެރިވި ހަ ފުލުހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ރީފޯމް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަަމަށެވެ.
ރައްޔިތުންގެ އިތުބާރު އެމުއައްސަސާއަކަށް ލިބިގެންދަނީ ވެސް އެ މުއައްސަސާއަކުން މަސައްކަތް ކުރާ ގޮތަކުންކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި އުނދަގޫ ދަތި ހާލަތެއްގައި ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ޑްރަގްގެ މައްސަލައެއްގައި އުޅުނު އެންމެ މީހަކު ހައްޔަރު ކުރުމަށް ހިންގި އޮޕްރޭޝަންގައި ހަރަކާތްތެރިވި ހަ ފުލުހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑްރަގުގެ ކަމެއްގައި އިންވޯލްވެގެން އުޅުނު އެންމެ ކުއްޖަކު ހިފާ އޭނާ ހައްޔަރު ކުރުމުގައި އިންވޯލްވި ފުލުހުންގެ ހަ ކުދިން ޕޮޒިޓިވްވެއްޖެ. އެއީ އެންމެ ކުއްޖެއްގެ ކަންތަކުގައި. އެހެންވީމަ ވަރަށް އުދަނގޫ ދަތި މަރުހަލާއެއްގައި ޚާއްސަކޮށް މިއަހަރު މިހޭދަކުރަމުން މިދަނީ. އެހެންވީމަ ޕޮލިސް ރީފޯމް ކުރުމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާ އިހުތިރާމް ފުލުހުންނަށް ހޯދުމަށް މިކުރާ މަސައްކަތުގައި މަޑު ޖެހުމެއް އަޅުގަނޑުމެންނަށް އައިސްފައިވާކަން ގަބޫލުކުރަން.ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވާތީ، ބައެއް މަސައްކަތްތަކަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ ނުފޫޒުން ފުލުހުންގެ މުއައްސަސާ މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ވެސް ވަރަށް ޕްރޮފެޝަނަލް ގާނޫނީ ބޭފުޅުން އެބަތިބި ކަމަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުން ޚާއްސަ ތަމްރީންތައް ފުރިހަމަ ކުރާ ފުލުހުން ވެސް ތިބި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.