ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން މިހާރު ބޮޑަށް ބަލަނީ ޑައިރެކްޓް ކޮންޓެކްޓުންނަށްވުރެ ބޮޑަށް ކްލޯސް ކޮންޓެކްޓުންނަށް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓުންނާއި، ކްލޯސް ކޮންޓެކްޓުން ބައެއް ފަރާތްތަށް އޮޅޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި މިހާރު ބަލަނީ ޕޮޒިޓިވްވާ ކޭސްއާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ބަލާނީ ޕޮޒިޓިވްވި ކޭސްއާ ބައްދަލުވެ 15 މިނެޓްއަށްވުރެ ގިނައިރު މާސްކް އެޅުމެއްނެތި އެއްކޮށް ގިނައިރު ހޭދަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓާއި ކްލޯސް ކޮންޓެކްޓުން ކަނޑައެޅުގައި ވަކި ކަންތައްތަކެއް އެޗްޕީއޭއިން ބަލާކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި މިހާރު ބެލިދާނެ އޭނާއާ ބައްދަލުވެފައިވާ މީހެއް. ނަމަވެސް ކްލޯސް ކޮންޓެކްޓްއޭ މިކިޔަނީ އެމީހުންނަށް ނޫން. ކްލޯސް ކޮންޓެކްޓުންނޭ މިކިޔަނީ އެމީހާއާއެކު ބައްދަލުވެފައި އަދި ބައްދަލުވާ ހާލަތު ވެސް ބަލާނެ. މާނައަކީ ދެމީހުންގެ ތެރެއިން އެކަކު ވެސް މާސްކް އަޅައިގެންތޯ ހުރީ ޚާއްސަކޮށް ޑައިރެކްޓް ކޮންޓެކްޓް ކަމަށް ބަލާ މީހާހުރީ މާސްކް އަޅައިގެންތޯ ނުވަތަ ނޫންތޯ. އޭނާ މާސްކް އަޅައިގެން ހުރިކަމަށްވެއްޖެއްޔާ އަދި އިތުރަށް އޭނާގެ މައުލޫމާތު ނަގާއިރު އޭނާގެ ކިބައިން ޑައިރެކްޓް ފިޒިކަލް ކޮންޓެކްޓް ނުވާ މީހަކަށް ނުވާނަމަ އަދި އެމީހާކާ ގާތުން ވާހަކަ ދެއްކިކަމުގައި ވީ ނަމަވެސް އޭނާ ހިމެނޭނީ ލޯ ރިސްކް ކޮންޓެކްޓަކަށް. ނަމަވެސް މާސްކް ނާޅާ ނުވަތަ ޕްރެވެންޓިވް ފިޔަވަޅުތައް ނާޅާ އެމީހަކާ އެކު ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ހޭދަ ކުރެވިއްޖެއްޔާ އޭރުން އެއޮތީ ކްލޯސް ކޮންޓެކްޓަކަށް ވެފައި އެނގޭތޯ.އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި އެޗްއީއޯސީގެ ޓީމުން ޚާއްސަ އިސްކަމެއްދީގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. މި މަސައްކަތުގައި އިތުރު މީހުން ބޭނުންވާ ހާލަތްތަކުގައި އިތުރު މީހުން ހޯދައިގެން ވެސް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދިނުމަށާއި، ތެދު މައުލޫމާތު ހިއްސާކޮށްދިނުމަށް އެޗްއީއޯސީން އެދެއެވެ.