ބިދޭސީން ފިހާރަ ހިންގާ މައްސަލަ އެންމެ ފުރިހަމައަށް މޮނިޓަރ ނުކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބިދޭސީން އަމިއްލަ ވިޔަފާރި ހިންގުމާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމާއި، އިންވެސްޓްކުރުމަށް ހުއްދަދިނުމާއި، އެ އިންވެސްޓްމަންޓުތައް ރަޖިސްޓަރީ ކުރުމާއި، އެކަންކަމާގުޅިގެން ހިންގަންޖެހޭ ކަންތައްތައް ގަވާއިދުން ހިންގައި ބެލެހެއްޓުމަކީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭކަމެކެވެ. އެކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލިބިފައިވާ ބަޖެޓާއި އެއްގޮތައް މަސައްކަތް ކުރަމުންދަނީ ވަކި ކަންކަމަށް އިސްކަންދީގެން ކަމަށެވެ.
އެގޮތުން، ބައިވަރު މަސައްކަތްތައް ކުރަމުންދާއިރު ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުކުރެވޭކަމަށާއި އެގޮތުން ބިދޭސީންގެ ވިޔަފާރިތައް އެންމެ ފުރިހަމައަށް މޮނިޓަރ ނުކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މުޅި ރާއްޖޭގައި ފިހާރަތައް ބެލުމާއި ބިދޭސީން ކަންކަން ބެލުމަށް އިކޮނޮމިކް މިނިސްޓްރީގައި ހުރީ އެންމެ އިންސްޕެކްޓަރެއްކަމަށާއި މިހާރު އިތުރު އިންސްޕެކްޓަރުން ނެގުމަށް ހުއްދަ ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލިގެން ދާނެކަން އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކޭޝިއަރުންނަށް ބިދޭސީންނަށް ނުތިބޭވޭ ގޮތަށް ނިންމީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި އެއީ ރައީސް ޔާމީންގެ ސަރުކާރުގައި 90،000 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ވައުދުވެފައި އޮތުމުން ކުރި ކަމެއްކަމަށެވެ. އެގޮތަށް އެކަން ކުރުމުން އެއިރުވެސް އެތައް ވިޔަފާރިތައް ހުއްޓައި ބަންދުކުރަން ޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެއްވެސް ޒާތެއްގައި ބިދޭސީންނަށް ކޭޝިއަރުންގެ ގޮތުގައި ނުތިބެވޭނެެ ސަބަބެއް ނުފެންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރަނީ ދިވެއްސެއް މެދުވެރިކޮށް، އެމީހާގެ ވޯރކްޕާމިޓްއެއްގައި ރާއްޖެއައިސްގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޯޓުތަކަށް ގޮސް އެއީ ބިދޭސީ މީހާގެ ވިޔަފާރިއެއްގެ ގޮތުގައި ސާބިތުކުރަން ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.