ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ބްރަޒިލްއިން ޗައިނާއަށް އިމްޕޯޓްކުރި ފިނިކުރި "ޗިކަން ވިންގް" ތަކެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ޗައިނާގެ ޝެންޒެންގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ފިނިކުރި ޗިކެން ވިންގް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެއިން ސާމްޕަލްއެއް ނެގުމަށްފަހު ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ޝެންޒެންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އޭގައި ވައިރަސް ހުރިކަން އެނގުނީ ބުދަ ދުވަހު އެ ސިޓީއަށް އެތެރެ ކުރި ފިނިކުރި ޗިކެންވިންގުން ނެގި ސާމްޕަލްއަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ޗިކެން ވިންގް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިހާތަނަށް ކާ އެއްޗެހި މެދުވެރިކޮށް ބަލި ފެތުރޭކަމެއް ހޯދިފައި ނުވެއެވެ. ނަމަވެސް ބައެއް ގައުމުތަކުން ވަނީ ގޭގައި ގެންގުޅޭ ބައެއް ޖަނަވާރުތައް ކޮވިޑަށް ޕޮޒިޓިވްވި ކަމުގެ ރިޕޯޓްތައް ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ސިއްހަތާ ބެހޭ ބައެއް އިދާރާތަކުންނާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވަނީ ކާއެއްޗެހި މެދުވެރިކޮށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ފިނިކުރި ޗިކެން ވިންގް ބޭނުންކުރި މީހުން ޓްރޭސްކޮށް އެމީހުން ނަތީޖާ ލިބިފައިވާ އިރު އެ އެންމެން ވެސް ކޮވިޑަށް ނެގެޓިވް ކަމަށް ޝެންޒެންގެ ސިއްހަތާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އަދި ސްޓޮކްގައި ހުރި ހުރިހާ އެއްޗެއް ބޭރުވިޔަ ނުދީ ޓެސްޓް ކުރިއިރު އެތަކެތި ވެސް ނެގެޓިވް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޗިކެން ވިންގު ނިސްބަތްވާ ބްރޭންޑުގެ އެހެން ތަކެތި ޓްރޭސް ކުރަމުންދާއިރު އެ ބްރޭންޑުގެ ތަކެތި ގަތް މީހުން ވެސް ދަނީ ހޯދަމުންނެވެ. އަދި ޕޮޒިޓިވްވި ޗިކެން ވިންގު ހުރި ތަން ޑިސްއިންފެކްޓް ކޮށް ރައްކާތެރިކަމާއެކު ވަނީ ނައްތާލާފައެވެ.
މިކަމާއި ގުޅިގެން ބްރިޒިލިއަން އެސޯސިއޭޝަން އޮފް އެނިމަލް ޕްރޮޓީން (އޭބީޕީއޭ) އން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށާއި، މިހާތަނަށް މަހުގެ ޒަރިއްޔާއިން ވައިރަސް ފެތުރޭކަމުގެ ސައިންޓިފިކް ހޯދުމެއް ފެނިފައިވާ ނުވާ ކަމަށެވެ. ނަމަވެސް އެ ބަންދުކުރުމުގެ ތެރޭގައި ވައިރަސްގެ އަސަރު ކުރީ ކިހިނެއް ކަމެއް ސާފު ނުވާ ކަމަށާއި، އެކަން ދިމާވީ އެކްސްޕޯޓް ކުރުމުގެ ތެރޭގައި ކަމެއް ވެސް ދެނެގަނިވިފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި ބްރަޒިލްގެ އެގްރިކަލްޗަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން މި ކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ފިނިކުރި ޗިކެން ވިންގްތައް ކޮވިޑަށް ޕޮޒިޓިވްވިކަމުގެ ހަބަރު އައިސްފައިވަނީ އަންހުއި ޕްރޮވިންސުގެ ރެސްޓޯރެންޓަކުން ރޫޓިން ކުރިއަށް ގެންދަނިކޮށް، އިކުއެޑޯއިން އިމްޕޯޓްކުރި ޝްރިމްޕް ޕެކެޓްތަކަކުން ކޮވިޑް-19 ފެނުނުތާ އެއް ދުވަސް ފަހުންނެވެ.